ހައިޖެކް ކުރި "އެފްރިގިޔާ އެއަރވޭސްގެ އެއަރ ބަސް A320 މަރުކާގެ މަތިންދާ ބޯޓު ހައިޖެކް ކުރި ދެމީހުން ގެންގުޅެފައި ވަނީ "ފޭކު" ފިސްތޯލަ އާއި ގްރެނޭޑް ކަމަށް މޯލްޓާގެ ފޮރެންސިކް ޓީމުން ހާމަކޮށްފިއެވެ.
މޯލްޓާގެ ބޮޑުވަޒީރު ޖޯސެފް މަސްކަޓާ ހަވާލާދީ އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހަކުން ބުނެފައިވަނީ މަޝްވަރާ ކުރުމަށް ބޯޓަށް އެރުމަށް ހައިޖެކް ކުރި މީހުން އެދުނުކަމަށެވެ. އެހެން ނަމަވެސް އެ ކަން މޯލްޓާގެ ސަރުކާރުން ގަބޫލު ނުކުރީ ކަމަށެވެ. އޭގެ ބަދަލުގައި ބޯޓުގައި ސަރުކާރުން އެދެމުންދިޔައީ ފަސިންޖަރުންނާއި ބޯޓުގެ ފަޅުވެރިން ދޫކޮށްލުމަށެވެ.
މި ބޯޓު ހައިޖެކް ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ލީބިއާގެ ރަށެއް ކަމުގައިވާ ސަބާ އިން ޓްރިޕޯލިއަށް ދަތުރު ކުރުރަމުން ދަނިކޮށްނެވެ. ބޯޓު ހައިޖެކް ކުރުމަށްފަހު ލީބިއާގެ ދެ ރައްޔިތުން ކަމުގައިވާ ސުހާހް މޫސާ އާއި އަހްމަދު އަލީ ވަނީ، އެބޯޓު މޯލްޓާގައި ޖެއްސުމަށް ބޯޓުގެ ކުރޫއިންނަށް މަޖުބޫރު ކޮށްފައެވެ. އަދި މޯލްޓާ ގަޑިން ހެނދުނު 11:34 ގައި ބޯޓުވަނީ މޯލްޓާގެ ވައިގެ ބަނދަރަށް ޖައްސުވައިފައެވެ.
މި ދެމީހުން ޑިމާންޑު ކޮށްފައިވަނީ ޔޫރަޕުން ހިމާޔަތް ހޯދުމަށާއި ލީބިޔާގެ ކުރީގެ ރައީސް މުޢައްމަރު ގައްޒާފީގެ ފަޚުރުގައި އާ ސިޔާސީ ޕާޓީ އެއް އުފެއްދުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
މޯލްޓާއަށް ބަނދަރު ކުރުމަށްފަހު އެގައުމުގެ ސަރުކާރުން މި ދެމީހުންނާ މަޝްވަރާކުރިއެވެ. ނަތީޖާއެއްގެ ގޮތުން ހައިޖެކް ކުރެވުނު ހުރިހާ ޕަސިންޖަރުންނާއި ކުރޫން ސަލާމަތުން ދޫކޮށްލާފައިވެއެވެ. އެއަށްފަހު މިހާރުވަނީ އެ ދެމީހުން ހައްޔަރުކޮށްފައެވެ.
މޯލްޓާގެ ބޮޑުވަޒީރާ ހަވާލާދީ އިނގިރޭސި ވިލާތުގެ ނޫހުން ބުނެފައިވަނީ ބޯޓު ހައިޖެކް ކުރި މީހުންނަށް މިއަދުގެ ވަގުތެއްގައި އެކަމާ ގުޅިގެން ދައުވާ އުފުލާނެ ކަމަށެވެ.