އިޒްރޭލާ ދެކޮޅަށް އދ އިން ފާސްކުރާ އެއްވެސް ޤަރާރަކުން ހަވާ އެރުވުމުން ކުރާ ފައިދާވެސް ނުކުރެއެވެ. ހަވާ އެރުވުމުން އަލިކަމެއް އާދެއެވެ. ރީތި މަންޒަރެއް ފެނެއެވެ. އެވަރުވެސް އިޒްރޭލާ ދެކޮޅަށް އދ އިން ފާސްކުރާ ޤަރާރަކުން ނުވެއެވެ.
އެހެން ނަމަވެސް އިޒްރޭލާއި ދެކޮޅަށް އދ އިން ފާސްކުރާ ޤަރާރުތަކާއި ހަވާ އެރުވުމާއި އެއްގޮތް އެއްކަމެއް އޮވެއެވެ. އދ އިން ޤަރާރެއް ފާސްކުރުމުން ދުނިޔޭގެ ހުރިހައި ޤައުމެއްގެ މީޑިއާތަކުން އެ ޚަބަރު ވަރަށް ބާރަށް ކިޔާނެއެވެ. ވަރަށް ފަލަ އަކުރުން ލިޔަންވެސް ލިޔާނެއެވެ. ހަވާ އަރުވާއިރު ބަޑިބޭސްތައް ފޮނުވައިލާއިރުވެސް ބަޑި ބޭހުގެ އަޑު ވަރަށް ބާރަށް އިވޭނެއެވެ. އެހެންކަމުން އދ އިން އިޒްރޭލާއި ދެކޮޅަށް ފާސްކުރާ ޤަރާރުތަކާއި ހަވާ އެރުވުމާއި އެއް ގޮތް ކަމެއްވެސް އެބަ އޮވެއެވެ.
ދުނިޔޭގެ މީޑިއާތަކުގައި އިއްޔެ އެންމެ އަޑު ބާރުގަދަ ޚަބަރަކީ އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުން އަޅަމުންގެންދާ ބިނާތައް އެޅުން ހުއްޓުވުމާއި އިރުމަތީ ޖެރޫސަލަމުގެ ސަލާމަތަށް މުހިންމު ޤަރާރެއް އދ ގެ ސަލާމަތީ މަޖިލީހުން ފާސްކުރިކަމުގެ ޚަބަރެވެ. އަދި ޤަރާރަށް ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 14 މެންބަރުން ތާއީދުކުރި ވާހަކަ އާއި އެމެރިކާ އެ ޤަރާރު ވީޓޯ ނުކުރި ކަމުގެ ވާހަކައެވެ.
މިއަދު އެންމެ ފަލަ ސުރުޚީގައި ވަނީ އިޒްރޭލުން އެ ޤަރާރު ބަލައި ނުގަންނާނެ ކަމަށް ބުނި ޚަބަރާއި އެ ޤަރާރަށް ޓްރަމްޕުގެ ފުރިހަމަ ތާއީދު އޮތްކަމުގެ ވާހަކައެވެ.
އިޒްރޭލުން ކުރަން ބޭނުން އެއްވެސް ކަމެއް ވިއަ ނުދީ ހިފެހެއްޓުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިފައެއް ނެތެވެ. ރައީސް އޮބާމާގެ ސަރުކާރުން މިހާރު މިކަންކަމާއި ދެކޮޅު ހެދި ނަމަވެސް އިޒްރޭލުން ހަމަ އެ ބިންތަކުގައި އެތައް ހާސް ގެއެއް އަޅައި އެތައް ހާސް ބައަކު ވަޒަންވެރިކުރުވާފައި އެވަނީ ހަމަ ރައީސް އޮބާމާގެ ވެރިކަމުގައެވެ.
އިޒްރޭލުގެ އަނިޔާވެރިކަމުން ސަލާމަތްވާން ބޭނުން ނަމަ ކުރަން އޮތް ހަމައެކަނި ކަމަކީ ބާރު ހުރި މުސްލިމް ޤައުމުތަކުން އެއްބައެއްގެ ގޮތުގައި ނުކުމެ އެމެރިކާ އާއި އަދި އިޒްރޭލާއި ކުރިމަތިލުމެވެ. އެކަން ކުރުމުގެ ބާރު މުސްލިމުންގެ ކިބައިގައި ނެތް ނަމަ ބައަކު ފާސްކުރާ ޤަރާރަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން އަބަދުވެސް މިދަނީ ހާމަވަމުންނެވެ.