ނިޔުޒީލަންޑުގެ އޯކްލަންޑުގެ ގެއެއްގައި އަލިފާން ރޯވެ ސްރީލަންކާގެ 3 މީހަކު އަނދައިފިއެވެ.
މިހާދިސާގައި އަނދައިގެން މަރުވީ މީގެ 10 އަހަރު ކުރިން ރިފިޔުޖީއެއްގެ ގޮތުގައި އެޤައުމަށް ހިޖުރަކުރި ނިޔުޒީލަންޑުގެ ރިފިޔުޖީ ކައުންސިލުގެ މެންބަރު އަދި ސެކެޓްރީ ތަނަބަލަސިންހަމްގެ އާއިލާގެ 3 މީހުންނެވެ.
މަރުވީ އޭނާގެ 5 އަހަރުގެ ފިރިހެން ދަރިފުޅާއި 39 އަހަރުގެ އަނބިމީހާ އާއި 66 އަހަރުގެ މައިދައިތައެވެ.
ތަނަބަލަ ސިންހަމްވެސް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާގެ އަންހެން ދަރިފުޅަށާއި ބަފައިބެ ވެސް ފިހިފައިވީނަމަވެސް އެމީހުންގެ ހާލު އެހައި ގޯސް ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިގޭގައި އަލިފާން ރޯވީ ފަތިހު 3:00 ހައިއިރުއެވެ. ރޯވި ސަބަބު އަދި އެނގިފައެއް ނުވެއެވެ. އަވަށްޓެރިން ބުނީ އެމީހުންނަށް ހޭލެވުނީ ބިއްލޫރިތައް ގޮވާ އަޑުފައްގަނޑަށް ކަމަށާއި ހޭލެވުނު އިރު ގޭގައި ރޯވެ އަނދަނީ ކަމަށެވެ.