ޔޫއޭއީގައި މިފެށޭ 2017 ވަނަ އަހަރު ފާހަގަކުރައްވާނީ އެމީހެއްގެ އަތުގައި އޮތް އެއްޗެއް ޤައުމާއި މުޖުތަމައުއަށްޓަކައި ދިނުމުގެ އަހަރުގެ ގޮތުގައި ކަމަށް ޔޫއޭއީގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލްނަހްޔާން ވިދާޅުވެއްޖެއެވެ.
ޝައިޚް ޒައިދު ވިދާޅުވީ އަންނަ އަހަރު 3 ދާއިރާއަކަށް ޚާއްޞަ ކުރައްވަވާނެ ކަމަށާއި ފުރަތަމަ ދާއިރާއަކީ އަމިއްލަ ކުންފުނިތަކުންވެސް އިޖުތިމާޢީ ޒިންމާތައް އަދާކޮށް ޤައުމަށާއި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަންގައިދީ ހޭލުންތެރި ކުރުވުމުގެ ދާއިރާ ކަމަށެވެ.
ޝައިޚް ޒައިދު ވިދާޅުވީ ދެވަނައަށް އިސްކަން ދެއްވާނީ މުޖުތަމައުގެ ތަރައްޤީއަށްޓަކައި ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް ވީހައި ގިނަ ދަރުމަވެރިން ނެރުއްވުމަށް ކަމަށެވެ. އަދި 3 ވަނައަށް އިސްކަން ދެއްވާނީ ވީހައި ގިނަ ޤައުމު ބިނާކުރުމުގެ މަސައްކަތަށް ނެރުއްވުމަށް ކަމަށެވެ.
ޝައިޚް ޒައިދު ވިދާޅުވީ މި 3 ދާއިރާއިން އެކަށީގެންވާ ކުރިއެރުމެއް ލިބިއްޖެ ނަމަ ޔޫއޭއީ މިހާރަށްވުރެވެސް އެތައް ގުނައެއް ބާރު ދުވެލީގައި ކުރިއަރައިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ފައިދާ ހީވެސް ނުކުރެވޭ ވަރަށް ޤައުމަށާއި މުޅި މުޖުތަމައުއަށް ކުރާނެ ކަމަށެވެ.
"ޤައުމު ބިނާކޮށް މުޖުތަމައު ކުރިއެރުވޭނީ އެމީހަކަށް ދެވެން އޮތް މާލީ އެހީތެރިކަމެއް ފޯރުކޮށްދީގެން. މާލީ އެހީތެރިކަން ފޯރުކޮށްދެވެން ނެތް މީހުން ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނީ. މިދެބައި ގުޅުނިމާ ޤައުމުގެ ހުރިހާ ކަންކަން ދާނީ ބާރު ދުވެލީގަ ކުރިއަރަމުން. ޒުވާނުން ކަމެއް ނެތި އަތް އުރާލައިގެން ތިބެގެންވެސް ޤައުމު ކުރިއަކަށް ނުދާނެ. އެހެންވީމާ މި 3 ކަންތައް އެންމެ ކުރިއަށް މިނެރުނީ." ޝައިޚް ޒައިދު ވިދާޅުވިއެވެ.