ށ. ކޮމަންޑޫގައި ހުރި މުއައްސަސާތަކަށާއި ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ބާއްވާ ފުޓްސަލް މުބާރާތް "ކޮމަންޑޫ ޕޮލިސް ކަޕް" ފަށައިފިއެވެ.
އިއްޔެ ފެށި މި މުބާރާތަކީ ށ. ކޮމަންޑޫގައި ހުރި މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރުމާއި ކޮމަންޑޫ ޒުވާނުން ކުށުގެ ވެށިން ދުރުކޮށް ކުޅިވަރަށް ޝައުޤުވެރިކުރުވައި ޒުވާނުނާއި ފުލުހުންނާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.
މި މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްެރިކޮށްދެއްވީ ށ. ކޮމަންޑޫ ކައުންސިލް މެމްބަރު ޢަބްދުލް ސަމަދު އިދުރީސްއެވެ.
ޒުވާނުންނާއި މުއައްސަސާތައް ހިމެނޭގޮތަށް ޖުމްލަ 7 ޓީމަކުން ބައިވެރިވެފައިވާ މި މުބާރާތުގައި އިއްޔެ ވަނީ ދެ މެޗެއް ކުޅެފައެވެ.
އެގޮތުން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ސިފައިންނާއި ޒުވާނުން ހިމެނޭ ޓީމް ރޮޖާ އާއި ށ. ކޮަމަންޑޫ ކައުންސިލްއާއި ފެނަކަ ހިމެނޭ ޓީމް ޖިންއެވެ. މިމެޗުގ 2-0 ން ކާމިޔާބުކޮށްފައިވަނީ ޓީމް ރޮޖާއެވެ.
ދެވަނަ މެޗުގައި ވާދަކޮށްފައިވަނީ ޒުވާނުންގެ ޓީމެއްކަމަށްވާ ޓީމް ގަޔާސާ އާއި ފުލުހުންނާއި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހިމެނޭ ޓީމް ތަންފީޒްއެވެ. މިމެޗުގެ 3-0 ން ކާމިޔާބުކޮށްފައިވަނީ ޒުވާނުންގެ ޓީމްކަމަށްވާ ޓީމް ގަޔާސާއެވެ.
ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ފެށި މި މުބާރާތް ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ކޮމަންޑޫ ޕޮލިސް ކަޕްގެ ނަމުގައި ބާއްވާ މި މުބާރާތަކީ 2014 ވަނަ އަހަރުން ފެށިގެން ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ބާއްވަމުން އަންނަ މުބާރާތެކެވެ.