ދުނިޔޭގައި ހަދާ އެންމެ އުސް ސްޓެޗޫގެ ބިންގައު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ މުމްބާއީގައި އަޅުއްވައިފިއެވެ.
މިއީ އެތައް މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިންޑިއާގެ އެތައް ލައްކަ މީހުން ވަނީ އޮންލައިން ޕެޓިޝަނެއް ހުށަހަޅާފައެވެ.
މި ސްޓެޗޫ އަކީ 17 ވަނަ ގަރުނުގައި އިންޑިއާގައި ރަސްކަންކުރެއްވި ހިންދޫ ރަސްކަލެއް ކަމުގައިވާ ޗަޓްރަޕަތީ ޝިވާޖީ ގެ ސިފައިގައި ހަދާ ސްޓެޗޫ އެކެވެ.
މި ސްޓެޗޫ ވެގެންދާނީ ސްޓެޗޫ އޮފް ލިބަރޓީ އަށް ވުރެން ތިން ގުނަ އުސް އަދި ރިއޯޑިޖެނެއިރޯގެ ކްރިސްޓް ރެޑީމަރ އަށްވުރެ ފަސް ގުނަ އުސް ސްޓެޗޫ އަކަށެވެ.
ސްޓެޗޫގެ މަޝްރޫއުނިމި، މުމްބާއީގެ ހުޅަނގު އައްސޭރިފަށުގައި ތިބެގެން ބަލާއިރު އެ ފެންނާނީ އުސްމިނުގައި 192 މީޓަރު ނުވަތަ 630 ފޫޓުގެ އުސްމިނުގައެވެ.
ޝިވާޖީގެ މި ސްޓެޗޫ ބިނާކޮށް ނިމޭއިރު، މިވަގުތު ދުނިޔޭގެ އެންމެ އުސް ސްޓެޗޫ ކަމަށްވާ ޗައިނާގެ ހެނަން ޕްރޮވިންސްގައި ހުންނަ ސްޕްރިންގް ޓެމްޕްލް ބުއްދާ އަށް ވުރެ 128 މީޓަރު އުސްވާނެ ކަމަށް ވެސް އިންޑިއާގެ މަޝްހޫރު ނޫހެއްގައި ބަޔާން ކޮށްފައިވެއެވެ.
މުމްބާއީގެ ވެރިރަށް މަހާރަޝްތްރާ ގެ ސަރުކާރުން ވަނީ މި ޕްރޮޖެކްޓަށް 36 ބިލިއަން ރުޕީސް (530 މިލިއަން އެމެރިކަން ޑޮލަރު) ޚަރަދު ކުރުމަށް ނިންމާފައެވެ.
އަދި މި ޕްރޮޖެކްޓް ޝެޑިއުލް ކޮށްފަ އޮތްގޮތުން މި ޕްރޮޖެކްޓުގެ މަސްއަކަތް 2019 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް ވެސް މަހަރާޝްތްރަ ސަރުކާރުން ލަފާ ކުރައްވައެވެ.
އެހެން ނަމަވެސް އިންޑިއާގެ ގިނަ ރައްޔިތުން ދަނީ މިކަމަށް ދެކޮޅުހަދައި، މި ޕްރޮޖެކްޓަށް ޚަރަދު ކުރަން ހަމަޖައްސާފައިވާ ލާރިން އެގައުމުގައި ބޯހިޔާ ވަހިކަން ނުލިބިފައިތިބިފަރާތް ތަކަށް އެހީ ވުމަށާއި ތަޢުލީމަށް ޚަރަދު ކުރުމަށް ގޮވާލާ އެޕްރޮޖެކްޓާއިމެދު ނުރުހުން ފާޅުކުރަމުންނެވެ.