އިންޑިއާގެ މަޝްހޫރު 5 ތަރިހޮޓަލެއްގައި އެމެރިކާގެ އަންހެނަކު ރޭޕްކުރި ކަމުގެ ކުށުގައި 4 ފިރިހެނަކު ހައްޔަރުކޮށް 5 ވަނަ މިހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ބަންދުކުރި މީހުންގެ ތެރޭގައި ހޮޓަލުގެ ބެލްބޯއި ވެސް ހިމެނެއެވެ.
މިމީހުން ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހު ހިންގި އަމަލުތަކާއި ގުޅިގެންނެވެ. ހޮޓަލަކީ މަޝްހޫރު 5 ތަރި ހޮޓަލަކަށްވެފައި އަދި ވެރިރަށް ނިޔުދިއްލީގައި ހުރި ހޮޓަލަކަށްވުމުން ފުލުހުންނަށް ވަނީ އިތުރު ހާސްކަމެއް ލިބިފައެވެ.
25 އަހަރުގެ އަންހެން މިހާ ބުނީ އޭނާ ހޮޓަލުގެ ރޫމަށް ވަންތަނާ ކުޑައިރުކިޮޅެއްގެ ތެރޭގައި ބައަކު އައިސް އޭނާގެ މޫނަށް ފެނެއް ޖެހުމުން ވީނުވީއެއް ނުއެނގުނު ކަމަށާއި އޭނާ އާއި ގަދަކަމުން ޖިންސީ ގުޅުން ހިންގީ ގޮތް ނުއެނގޭ އެއްޗެއް ދީ މަސްތުކުރުވުމަށްފަހުގައި ކަމަށެވެ. އަދި އެމީހުން ދެދުވަސް ވަންދެން އެކަން ތަކުރާރުކޮށް ކުރި ކަމަށެވެ.
އޭނާ ކޯޓުގައި ބުނީ އޭނާއަށް ވާނުވާ އެނގުމުން އަވަހަށް ބިރުން ފުރައިގެން ދިއައީ ކަމަށާއި މައްސަލަ ހުށަހެޅީ އަންހެނުންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތެއް މެދުވެރިކޮށް ކަމަށެވެ.
އެ ޖަމާއަތް މެދުވެރިކޮށް އޮކްޓޯބަރު މަހު މައްސަލަ ހުށަހެޅުމުން ފުލުހުން ވަނީ އެ މައްސަލަ ވަރަށް ފުރިހަމައަށް ތަޙްޤީޤްކޮށްފައެވެ.