އުރުދުންގެ އަންހެނުންނަކީ އެންމެ ބޮޑެތި ކާރުތައްވެސް ދުއްވާ އަންހެނުން ކަމަށްވާއިރު ކާރުގައި ޓެކްސީ ނުކުރެވެންވީ ސަބަބެއް ނެތްކަމަށް އުރުދުންގައި ޓެކްސީ ޑްރައިވަރުކަން ކުރާ އަންހެނަކު ބުނެފިއެވެ.
ނިސްރީން ބުނީ އޭނާއަކީ 3 ދަރިންގެ މަންމަ ކަމަށާއި ދުވާލަކު 6 ގަޑިއިރާއި 8 ގަޑިއރާއި ދެމެދުގެ ވަގުތެއްގައި ޓެކްސީ ކުރުމުން ދަރިން ގޮވައިގެން އުޅެވޭ ވަރުގެ އާމްދަނީއެއް ލިބޭ ކަމަށެވެ. އަދި ދަރިންގެ ބޭނުންތަކަށް، (ސްކޫލަށް ގެން ގޮސް ގެނައުން) ފަދަ ކަންކަމަށްވެސް ވަގުތު ލިބޭ ކަމަށެވެ.
ނިސްރީން ބުނީ ފަތުރުވެރިން ގޮވައިގެން އޭނާ ދަތުރުތައް ކުރަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ހުރެ ކަމަށާއި އޭނާގެ ޚިދުމަތަށް ފަތުރުވެރިން ތައުރީފްކުރާ ކަމަށެވެ. "ދެން އޮތީ އަބުރުގެ މައްސަލަ. އަހަރެން މިހުންނަނީ ޔުނިފޯމް އަޅައިގެން. އެންމެންނަށް ވެސް އެނގޭނެ އަހަރެންނަކީ ޓެކްސީ ޑްރައިވަރެއްކަން،"
ނިސްރީން ބުނީ އެއްވެސް މަސައްކަތަކީ ހަޑި ހުތުރު މަސައްކަތެއް ނޫން ކަމަށާއި ކޮންމެ މަސައްކަތެއް ކުރި ނަމަވެސް އަބުރުވެރިކަން ހިފެހެއްޓޭނީ އެކަން ކުރީމައި ކަމަށެވެ. އަދި ޓެކްސީ ކުރެވޭނީ ހަމައެކަނި ފިރިހެނުންނަށް ކަމަށް ވާހަކަ ދައްކަނީ އަންހެނުން ބިރުގަންނަވަން ވެގެން ކަމަށެވެ. އަދި އެފަދަ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ނެތް ވާހަކަތަކެއް ކަމަށެވެ.