ދުނިޔޭގައި މިހާތަނަށް އެޅި އެންމެ އުސް ފާލަން ޗައިނާގައި އަޅައިފިއެވެ. މިފާލަން އަޅައިފައިވަނީ ޗައިނާގެ ޔޫނާނާއި ގުއިޗޯ އާ ދެމެދުގައެވެ.
ޗައިނާގެ ޓްރާންސްޕޯޓު ޑިޕާޓްމެންޓުން ނެރެފައިވާ ބަޔާނަކާ ހަވާލާ ދެއްވައި އެގައުމުގެ ގުއިޗޯ ޑެއިލީގައި ބުނެފައިވަނީ އެފާލަމުގެ އުސްމިނުގައި 565 މީޓަރު ހުންނާނެ ކަމަށެވެ. ފާލަމުގެ ދިގުމިނުގައި 1341 މީޓަރު ހުންނާނެ ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ. ފާލަން އުސްވުމުގެ ސަބަބުން، ފާލަން ހުރަސް ކުރަން ޖެހެނީ ވިލާތަކުގެ ތެރެއިން ކަމަށްވެސް ބުނެފައިވެއެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުގައި ފަރުބަދަ ތަކާއި ވިލާ ތަކުގެ ތެރޭގައި ހަދާފައިވާ، މި ފާލަމުގެ ސަބަބުން އެ ދެ ސަރަޙައްދުގައި ދަތުރު ކުރަން ޖެހޭ ވަގުތު މަދު ވެފައިވެގެންދާނެ ކަމަށެވެ. އެއް ޕްރޮވިންސުން އަނެއް ޕްރޮވިންސަށް މީގެ ކުރިން ދެވެނީ ހަތަރު ގަޑި އިރުންނެވެ. ފާލަމުގެ ސަބަބުން އެ ރާސްތާ މިހާރުވަނީ އެންމެ ގަޑިއަކަށް ކުރުކޮށްލެވިފައެވެ.
މިއީ އެއް ބިލިއަން ޔުއާން ޚަރަދުކޮށްގެން ހަދައިފައިވާ ފާލަމެކެވެ. ބުރިޖުގެ ނަމަކީ ބެއިޕަންޗިއަން އެވެ.