ކިޑްނީ ވިއްކުމުގެ ވިޔަފާރި ކުރި ސޯޅަ މީހަކު ޖަލަށް ލުމަށް ޗައިނާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ޗައިނާގެ ޝެންޑޮނގް ޕްރޮވިންސްގެ ޖިނާން ސިޓީގެ ކޯޓެއް ކަމުގައިވާ ލިޒިއާ ޑިސްޓްރިކްޓް ކޯޓުން ސޯޅަ މީހަކަށް މި ހުކުމް ކޮށްފައިވާ އިރު އެއިގެ ތެރޭގައި ސިއްޙީ މާހިރުން ހިމެނޭ ކަމަށް ވެސް އެ ގައުމުގެ ނޫސް އެޖެންސީ އެއްކަމުގައިވާ ޒިންހުއާ ނޫސް އެޖެންސީ އިން ބުނެފައިވެއެވެ. އެމީހުން އެ ވިޔަފާރި ހިންގާ ފައިވަނީ އިންޓަނެޓުގެ ޒަރީއާއިން ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.
ކިޑްނީ ވިއްކުމުގެ އިތުރަށް އެފަރާތް ތަކުން ކިޑްނީ ޓްރާންސް ޕްލާންޓް ހަދާފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.
ނޫހުގައި ބުނެފައިވާ ގޮތުގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމުގައި ހަރަކާތްތެރިވާ، ދެ ޑޮކްޓަރުންނާއި ނަރުހެއްގެ އިތުރުން ހޭނައްތާ ޑޮކްޓަރެއް ވެސް ހިމެނެއެވެ.
ލިޒިއާ ޑިސްޓްރިކްޓް ކޯޓުން ހާމަ ކޮށްފައިވާ ގޮތުގައި ކިޑްނީ ބަދަލު ކުރާ ކޮންމެ މީހަކު 57،000 އެމެރިކާ ޑޮލަރު ދައްކާގޮތަށް އެވިޔަފާރި ކުރި ފަރާތްތަކުން ހަމަޖައްސާފައިވެއެވެ.
ޗައިނާގައި އިންސާނުންގެ ގުނަވަންތައް ވިއްކުންވަނީ 2007 ވަނަ އަހަރުން ފެށިގެން މަނާ ކޮށްފައެވެ. ކިޑްނީގެ ވިޔަފާރި ކުރި މައްސަލާގައި ހުކުމްކުރި ސޯޅަ މީހުން މިހާރު ވަނީ ޖަލަށް ގެން ގޮސްފައި ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ. އެއިން ކޮންމެ މީހަކު ޖަލަށް ލައިފައިވަނީ ފަސްއަހަރަށެވެ.