ޓްރަމްޕް ވާނީ ހަމަ ދައްޖާލަކަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޓްރަމްޕް ވާނީ ހަމަ ދައްޖާލަކަށްތަ؟
އެމެރިކާގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވާ "ޓްރަމްޕް ވާނީ ހަމަ ދައްޖާލަކަށްތަ؟" މިއީ ގިނަ ބައަކު ކުރަމުން ގެންދާ ސުވާލެކެވެ. މި ސުވާލުކުރުން އިތުރުވަނީ އިޒްރޭލުން ކުރާ ކޮންމެ ކަމެއް ހިމާޔަތްކުރާނެ ކަމަށް އޭނާ ބުނަމުން ގެންދާތީއެވެ.

އެމެރިކާގެ ރައީސްކަމަށް ޢާންމުގޮތެއްގައި އާދެވެނީ ޔަހޫދީންގެ ތާއީދު އޮންނަ މީހަކަށެވެ. ޓްރަމްޕުގެ އަންހެން ދަރިފުޅު ކައިވެނިކޮށްގެން އުޅެނީ ޔަހޫދީ އަކާއި ކަމަށްވުމުން ޓްރަމްޕް އިޒްރޭލަށް ތާއީދުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ޔަހޫދީންނަށް ވަނީ އެންމެ ކުރިންވެސް ލިބިފައެވެ.

ފަލަސްޠީނުގެ މައްސަލައެއް ޞުލްޙަވެރި ހައްލެއް ހޯދޭނީ ފަލަސްޠީނަށް ފުރިހަމަ މިނިވަންކަން ދީގެންކަމަށް ދުނިޔެ ޤަބޫލުކުރި ނަމަވެސް އެމެރިކާއިން އެގެންދަނީ އެކަމަށް ހުރަސްއަޅަމުންނެވެ. މެދުއިރުމަތީގައި ޞުލްޙަ ޤާއިމުކުރެވޭނީ ފަލަސްޠީނަށް މިނިވަންކަން ދީ އަދި ފަލަސްޠީނުންވެސް އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަނެގެންކަމަށް ޔޫރަޕިއަން ޔޫނިއަނުން ވެސް އެގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޣާޒާއަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ޖަލުކަމަށް ހަދައި ޔަހޫދީން ޣާޒާ ޙިޞޯރުކޮށްގެންތިބޭތާ 7 އަހަރުވީއިރުވެސް އެކަމާ އަޅައިލެވުނު ބައަކު ތިބި ކަމަކަށް ނުވެއެވެ. އެތައް މިލިއަން ރައްޔިތުން ބަނޑަށްޖައްސައި ކަނުއަނދިރީގައި ބައިތިއްބަމުން ގެންދާއިރު އެކަން ހުއްޓުވަން ދުނިޔެ ވަނީ ނުކުޅެދިފައެވެ.

މިފަދަ ނިކަމެތި ހާލަތެއްގައި ފަލަސްޠީނުގެ ރައްޔިތުން ތިއްބައި އިޒްރޭލުން ދެން އަޅާނީ ކޮން ފިޔަވަޅެއް ކަމާއިމެދު ދިރާސާކުރާ ފަރާތްތަކުން ގެންދަނީ ސުވާލުތައް އުފައްދަމުންނެވެ. އިޒްރޭލުން ކޮންމެ ކަމެއް ކުރިނަމަވެސް އެކަމަކަށް އެމެރިކާއިން ފުރިހަމައަށް ތާއީދުކުރާނެކަން ޓްރަމްޕް އެގެންދަނީ ތަކުރާރުކޮށް ހާމަކުރަމުންނެވެ.

ޓެލްއަވީވްގައި މިހާރު ހުރި އެމެރިކާގެ އެމްބަސީ. އިޒްރޭލުން ފޭރިގެންފައިވާ އިރުމަތީ ޖެރޫސަލަަމަށް ބަދަލުކޮށްފިނަމަ އެކަން ވެގެންދާނީ އިޒްރޭލުގެ އަނިޔާވެރިކަން އިތުރުކުރުމަށް އިތުރަށް ހިތްވަރުދޭ ކަމަކަށެވެ. އަދި އެކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް ކުރިމަތިވުމަކީވެސް ނުވެ ނުދާނެ ކަމެކެވެ. އެހެންކަމުން ޓްރަމްޕް ވާނީ ހަމަ ދައްޖާލަކަށްތޯ ކުރެވޭ ސުވާލު ދަނީ ހަމަ ފަލަވެ ބިޔަވަމުންނެވެ.
މިއަދު އޮންލައިން