ސައުދީ އަންހެނުން ގޭގައި އުފައްދާތަކެތި މާފުރިހަމަ- އެމްބެސެޑަރުންގެ އަނބިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ސައުދީ އަންހެނުން ގޭގައި އުފައްދާތަކެތި މާފުރިހަމަ- އެމްބެސެޑަރުންގެ އަނބިން
ސައުދިއަރަބިޔާގެ އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި މާފުރިހަމަކަމަށް ވިދާޅުވެ ރިޔާޛްގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންގެ އަނބިއަނބިކަނބަލުން ތައުރީފް ކުރައްވައިފިއެވެ.

"ސައުދީ އަނބިންގެ ޖަމިއްޔާ"އިން ބޭއްވި އެމިހުންގެ އުފައްދުންތައް ދައްކައިދޭ 4 ވަނަ މައުރަޒަށް ބޭރު ޤައުމުތަކުގެ ސަފީރުންގެ އަނބިއަނބިކަނބަލުން ޒިޔާރަތްކުރެއްވުމަކީ ވަރަށް ޢާންމު ކަމެކެވެ.

އެކަނބަލުން ވިދާޅުވާ ގޮތުގައި މިއީ ބާއްވާ ވަރަށް ފުރިހަމަ މައުރަޒެކެވެ. އަދި ތަކެތި އަތުރާފައި ހުންނަ ގޮތް ވެސް ވަރަށް ފުރިހަމައެވެ. އުފައްދާފައި ހުންނަ ތަކެތީގެ ފެންވަރު ވެސް ފިހާރަތަކުގައި ވިއްކަން ހުންނަ ތަކެއްޗަށްވުރެ މާފުރިހަމައެވެ.

މި މައުރަޒަށް ތައްޔާރުވުމުގެ ގޮތުން ސައުދީ އަނބިން ވަރަށް ކުރިއާލައި ތައްޔާރުވެއެވެ. އަދި ގިނަ ތަކެތި އުފައްދައިގެން ބޮޑު އާމްދަނީއެއްވެސް ކޮންމެ އަހަރަކު ހޯދައެވެ. ގޭގައި އުފައްދާ ތަކެތި ކަމަށްވުމުން ރަނގަޅު އަގުގައި ވިއްކުމުގެ ފުރުޞަތުވެސް ލިބެއެވެ.

މިމައުރަޒަށް ތަކެތި ތައްޔާރުކުރުމަށް ސައުދީ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެއެވެ. އެހެންކަމުން ތަކެތި އުފައްދަން އެއްވެސް ހޭދައެއް އަމިއްލައަށް ކުރާކަށް ނުޖެހެއެވެ.

ތަފާތު ނަމެއްގައި ނަމަވެސް ޞަދަޤާތް ފައުންދޭޝަނުން ގެންދަނީ އަންނަ ފެބްރުއަރީ މަހު ދިވެހި ކަނބަލުންގެ އުފެއްދުންތަކަށް ޚާއްޞަކޮށްގެން މިފަދަ މައުރަޒެއް ބާއްވަން މަސައްކަތް ކުރަމުންނެވެ.
މިއަދު އޮންލައިން