ޗޮކްލެޓު ފޮށިތަކެއް ބަރުކޮށްގެން ދަތުރުކުރި ލޮރީއެއްގެ ތެރެއިން، އިރާގުގެ 48 މީހަކު ހައްޔަރު ކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ރޮމޭނިއާގެ ބޯޑަރު ހުރަސް ކުރާ ސަރަހައްދުންނެވެ. ރޮމޭނިއާގެ ބޯޑަރު ބަލަހައްޓާ ފުލުހުންނާ ހަވާލާދީ މެޓްރޯ ގައި ބުނެފައިވަނީ ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި 22 ފިރިހެނުނަނާއި 9 އަންހެނުން ނާއި 17 ކުޑަކުދިން ހިމެނޭ ކަމަށެވެ. މި މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި ހާދިސާއާ ބެހޭގޮތުން، ރޮމޭނިއާ ފުލުހުން ގެ ފަރާތުން ހޮނިހިރު ދުވަހު ނެރުނު ބަޔާނާ ހަވާލާދީ މެޓްރޯގައި ބުނެފައިވަނީ ލޮރީ ދުއްވަން އިނީ ބަލްގޭރިއާ އަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
ލިޔެ ކިޔުން ތަކުން ދައްކާ ގޮތުގައި އެ ލޮރީ އަކީ ބަލްގޭރިއާ އިން ހަންގޭރީ އަށް ޗޮކްލެޓު ހިފައިގެން ދިޔަ ލޮރިއެއްކަން އެނގޭ ކަމަށެވެ.
މި ލޮރީން ދަތުރުކުރި މީހުން ބުނާ ގޮތުގައި އެމީހުން ބޭނުންވީ ހަންގޭރީއަށް ދިޔުމަށެވެ. މި ކަމާ ބެހޭގޮތުން އެ ލޮރީ ދުއްވަން އިންމީހާ ބުނެފައިވަނީ، ލޮރީ ފަހަތުގައި ބަޔަކު ތިބިކަން އޭނާ އަށް އެނގިފައި ނުވާ ކަމަށެވެ.
ފުލުހުން ގެންދަނީ މިހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.