އެމެރިކާގެ އަންހެނުން ކޮޅެއް އިސްނަގައިގެން ދުނިޔޭގެ ޙިޖާބް ދުވަސް އެެމެރިކާގައި ފާހަގަކުރަން ފެށުމުން އެމެރިކާގެ ކާފަރު އަންހެނުން ވެސް މިހާރު އަންނަނީ އެދުވަސް ފާހަގަކުރަން ބައިވެރިވަމުން ކަމަށާއި ބައިވެރިވާ އަންހެނުންގެ އަދަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުން ކަމަށް ދީނީ އިލްމުވެރިޔާ މުފްތީ އިސްމާޢީލް މެންކް ވިދާޅުވެއްޖެއެވެ.
މުފްތީ ވިދާޅުވީ ކާފަރު އަންހެނުން ވެސް ބުނަނީ ހިޖާބަ އަޅައިގެން މަގުމަތީގައި އުޅޭއިރު ލިބޭ ހިތްހަަމަޖެހުން މާބޮޑު ކަމަށެވެ. އެހެން މީހުންގެ އުނދަގޫތަކުން މާބޮޑަށް ސަލާމަތްވާ ކަމަށެވެ.
މުފްތީ މެންކް ވިދާޅުވީ މުސްލިމް އަންހެނުން އެމީހުންގެ ހަށިގަނޑު ނިވާކޮށްގެން އުޅެނީ މަޖުބޫރުން ކަމަށް މުސްލިމުންގެ އަދާވާތްތެރިން ބުނި ނަމަވެސް އެއީ ދޮގެއް ކަމަށާއި މުސްލިމް އަންހެނުން ނިވާވެގެން އުޅެނީ އެމީހުންގެ އީމާންތެރިކަމުން ކަމަށެވެ.
މުފްތީ ވިދާޅުވީ ހަޤީޤަތުގައި މަޖުބޫރުން ހެދުން އަޅައި ފުންނާބު އުސް ފައިވާންތަކަށް އަަރައިގެން އުޅެނީ އެމީހުންގެ މުޖުތަމައުން އެމީހުންނަށް އެގޮތަށް ތިބެން މަޖުބޫރުކުރާތީ ކަމަށެވެ. "ކާކަށްތޯ ފަސޭހަކަމަކަށްވާނީ ދެ ކަށި މަތީގައި ހިނގަން. ވެށްޓިދާނެތީ އަަބަދު ބިރުން ހުންނަން ޖެހޭނީ. އެހެން ނަމަވެސް އެމީހުންނަށް އެބަ މަޖުބޫރުވޭ އެގޮތަށް އުޅެން." މުފްތީ ވިދާޅުވީ ކޮންމެ އަންހެނަކީވެސް ރިވެތި ގޮތުގައި ނިވާވެގެން ހުންނަން ބޭނުންވާނެ މީހެއް ކަމަށާއި ނަމަވެސް ބަރަހަނާ ހާލަތުގައި އުޅެނީ އެމީހުންގެ މުޖުތަމައުން އެކަންކަން މަޖުބޫރުކުރުވާތީ ކަމަށެވެ. ނަމަވެސް އެފަދަ މުޖުތަމައުތަކުގައި އަަބަދުވެސް އަންހެނުންނަށް މަޖުބޫރުކުރުވާ ކަމަށްބުނެ މުސްލިމުން ބަދުނާމު ކުރަމުން ގެންދާ ކަމަށެވެ.
ހިޖާބަ އަޅައިގެން މަގުތަކުގައި އުޅުމުން އެމީހުންގެ ސަލާމަތާއި ރައްކައުތެރިކަން ބޮޑު ކަމަށާއި ފިރިހެނުންގެ އުނދަނޫތަކުން ސަލާމަތްވެވޭކަމަށް ހިޖާބަ އަޅާ ކާފަރު އަންހެނުން އެއްބަސްވެ އަޑުއުފުލާކަމަށްވެސް މުފްޠީ މެން ވިދާޅުވިއެވެ.