ދީޕިކާގެ ހޮލީވުޑް ޑެބިއުޓް މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދީޕިކާގެ ހޮލީވުޑް ޑެބިއުޓް މުމްބާއީގައި ކުލަގަދަކޮށް ޕްރިމިއާރ ކުރުމަށް ތައްޔާރީތައް ވަނީ!
ބޮލީވުޑް ޑީވާ ދީޕިކާ ޕަދުކޯން ހޮލީވުޑަށް ތަޢާރަފްވާ ފިލްމު "ޓްރިޕަލް އެކްސް: ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ޕްރިމިއާރ ކުލަގަދަކޮށް މުމްބާއީގައި ބޭއްވުމަށް ތައްޔާރީތައް ވަމުން އެބަދެއެވެ.

އެކްޝަން ސީކުއެންސްތަކާ އެކު މޮޅު ސްޓޯރީލައިންއަކަށް އުފައްދާފައިވާ މިފިލްމަކީ އެކްސޭންޑަރ ކޭޖްގެ އެނބުރި އައުން ފާހަގަކޮށް، އިތުރު "ހީރޯ" އިންތަކެއް ހިމަނައިގެން ދުނިޔެ އަޅުވެތި ކުރެވޭ ވަރުގެ ހަތިޔާރެއް އަތުލައިގަތުމަށް އެކްސޭންޑަރ ކޭޖް ކުރާ މަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ.

މިޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމަކީ ޓްރިޕަލް އެކްސް ފްރެންޗައިސްގެ ތިންވަނަ ފިލްމެވެ. އަދި މިއީ 2002 އަދި 2005 ވަނަ އަހަރު ނެރުނު ދެ ފިލްމުގެ ވެސް ސީކުއެލްއެކެވެ. ފާއިތުވި ދެ ފިލްމެކޭ އެއްފަދައިން މިފިލްމުގައި ވެސް އެކްސޭންޑަރ ކޭޖްގެ ރޯލުން ފެނިގެންދާނީ ވިން ޑީސަލްއެވެ.

މި ފިލްމު މުމްބާއީގައި ޕްރިމިއާރ ކުރާ ވަގުތު ވިން ޑީސަލް އާއި ދީޕިކާ ވެސް ބައިވެރިވާނެ ކަމަށް ޚަބަރުތަކުގައި ބުނާއިރު، މިއީ ވަރަށް ތާރީޚީ ޙަފްލާއަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
މިއަދު އޮންލައިން