މަޝްހޫރު ފިލްމްއެކްޓަރު އޮމް ޕޫރީ ކުއްލި ގޮތަކަށް މިއަދު ހެނދުނު މަރުވުމުން ބޮލީވުޑް އެކުގައި ރޮއްވާލައިފިއެވެ. ކަންބޮޑު ނުވާތަރިއެއް، އަންހެން އަދި ފިހެން ވިޔަސް ނެތެވެ.
"އަހަރެމެން އެންމެ ހާސްވާ ވަގުތު އަހަރެމެންގެ މޫނަށް ހިނިތުންވުން ގެނެސްދެނީ ކަލެއެވެ. އެކުގައި ކައި ބޮއި މަޖާކުރިކުރުން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ."
އޮމް ޕޫރީއަކީ ފިލްމުތަކުން ފެންނަ ގޮތާއި އަސްލު މިޒާޖު ވަރަށް ތަފާތު ޝަޚްޞިއްޔަތެކެވެ. އޭނާގެ ހަޤީޤީ ހަޔާތުގައި އޭނާއަކީ އަބަދުވެސް މީހުންނާއިއެކު މަޖާކުރާ މީހެކެވެ. ކަންބޮޑުވެފައި މީހަކު ހުރެއްޖެނަމަ އެމީހަކު ހެއްވަން މަސައްކަތްކޮށް އެކަން ކާމިޔާބުކުރާ މީހެކެވެ.
ޕާޓީކުރަން އިނދެފައިވެސް މާހައުލު ބަދަލުކުރަންޖެހޭ ވަގުތު އެހެން މީހުން ހެއްވާލުމަށްޓަކައި ފިލްމުތަކުގައި އެހެން މީހުން ދައްކާ ޝަޚްޞިއްޔަތު ހާމަކޮށް އެންމެންގެ ސަމާލުކަން ހޯދާ މީހެކެވެ.
1976 ވަނަ އަހަރު ފިލްމުކުޅެން ފެށި އޮމް ޕޫރީ ވަނީ 250 އަސްވުރެ ގިނަ ފިލްމު ކުޅެފައެވެ. ނުލިބޭ އެވޯޑެއް ނެތްކަމަށްވެސް ބުނެވިދާނެއެވެ.
އޮމްޕޫރީ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު އޭނާގެ ގޭގައި އޭނާގެ އެނދުގައެވެ. ފެނުނު މީހުންނަށް އޭނާ އޮތީ މަރުވެފައިކަން ޤަބޫލުކުރަންވެސް ފަސޭހައެއް ނުވިއެވެ. އޮމް ޕޫރީ މަރުވުމުން އޭނާގެ މޫނު ދެކެން ނުދާ އެންމެ ތަރިއަކުވެސް ހުރިހެނެއް ހިއެއް ނުވެއެވެ.
ޕޯސްޓްމޯޓޮމް ހެދުމަށްފަހު އިރުއޮއްސި 6 ޖެހެއިރު ވަނީ ޖަނާޒާ ބާއްވައިފައެވެ. އުމުރުން 66 އަހަރުގައި އޮމް ޕޫރީ މަރުވީ ވަރަށް ވަރުގަދަ ހާޓްއެޓޭކެއް ޖެހިގެންކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.