ޔޫއޭއީގައި މުދާ އުފުލަން ދުއްވާ 2 ބޯޓު ބަނދަރުގައި އޮވެ ފެތެމުންދާއިރު ބޯޓުގެ ވެރިފަރާތުން އަޅައި ނުލާކަމަށްބުނެ އެ ދެ ބޯޓުގައި ތިބި އިންޑިއާ ފަޅުވެރިން އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދިއްޖެއެވެ.
2 ބޯޓުގައި އިންޑިއާގެ 41 ފަޅުވެރިން އެބަތިއްބެވެ. ކެޕްޓަނަކު ބުނެފައިވަނީ އެންމެންގެ ޕާސްޕޯޓްތައް ބޯތުގެ ވެރިފަރާތުން ގެންގޮސްފައިވާ ކަމަށާއި ނަމަވެސް ފަޅުވެރިން ސަލާމަތްކުރަން ނުވަތަ ބޯޓު ސަލާމަތް ކުރަންވެސް ބޯޓުގެ ވެރިފަރާތުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
ފަޅުވެރިންގެ އާއިލާތަކުން ގެންދަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖަށް މެސެޖުތައް ޓްވީޓްކުރަމުންނެވެ.
ފަޅުވެރިން ބުނަނީ ޖެނެރޭޓަރު ހިންގާނެ ޑީސަލް ވެސް ބޯޓުގައި މިހާރު ނެތް ކަމަށާއި އަދި އެމީހުންގެ މުސާރަ ނުލިބޭތާ ވެސް 15 މަސްދުވަސްވެްޖެ ކަމަށެވެ.
ފަޅުވެރިންގެ އިލްތިމާސްތަކަށް ސައުދިއަރަބިޔާގައި ހުންނަ އިންޑިއާ އެމްބަސީން ދަނީ ޖަވާބުދެމުންނެވެ. ނަމަވެސް ޔޫއޭއީގައި ހުރި އިންޑިއާ ކޮންސިޔުލޭޓް އޮފީހުން އަދި މި މައްސަލައަށް ސަމާލުކަންދިންކަން އެނގިފައެއް ނުވެއެވެ.