އިންސާނުންގެ ޞިއްހަތަށް އެންމެ ބޮޑަށް ގެއްލުންދޭ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ދުންފަތާއި އެނަރޖީ ޑްރިންކްސްގެ ޑިޔުޓީ ބޮޑުކުރަން ރާއްޖެއިން ނިންމާފައިވަނިކޮށް އެބާވަތްތަކާއިމެދު އަރަބި ޤައުމުތަކުން ރާއްޖެއަށްވުރެ ކުރިން ފިޔަވަޅު އަޅަން މަސައްކަތް ފަށައިފިއެވެ.
ޖީސީސީގެ 6 ޤައުމުގައި މިއަހަރު ދުންފަތުގެ ބާވަތްތަކުން ނަގާ ޑިޔުޓީ 200 އިންސައްތައަށް އަދި އެނަރޖީ ޑްރިންކުތަކުން ނަގާ ޑިޔުޓީ 100 އިންސައްތައަށް މަތިކުރުމަށް ކުރަންޖެހޭ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
މި މަސައްކަތްތައް ނިންމައި މީގެ މަހެއްހައި ދުވަސްފަހުން ޑިޔުޓީ ނެގުން ބޮޑުކުރެވޭނެ ކަމަށް ބެލެވޭއިރު މިކަންކަމަކީ ޞިއްހަތައް ގެއްލުންދޭ ބާވަތްތަކުން ރައްޔިތުން ދުރުހެލިކުރުވުމަށް ޤަލްފުގެ ޤައުމުތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ.
ހުރިހައި ޤައުމުތަކުން އަދި މި ބަދަލު ނުގެނައި ނަމަވެސް ޔޫއޭއީ ފަދަ ބައެއް ޤައުމުތަކުން މިހާރުވެސް ވަނީ މި މަސައްކަތްތައް ތަންފީޒުކުރަން ފަށައިފައެވެ.
ޔޫޢޭއީ އިން މިހާރުވެސް ވަނީ ދުންފަތުގެ ޑިޔުޓީ 200 އިންސައްތައަށް، ފިޒީ ޑްރިންކްސްގެ ޑިޔުޓީ 50 އިންސައްތައަށް އަދި އެނަރޖީ ޑްރިންކްސްތަކުގެ ޑިޔުޓީ 100 އިންސައްތައަށް އުފުލައިފައެވެ.
މެދުއިރުމަތީގެ ބައެއް ޤައުމުތަކުގައި މިބާވަތްތައް އުފައްދާތީ އުފައްދާ އުފެއްދުންތަކުން ޓެކްސް ނަގަނީ ވެސް ހަމަ މިރޭޓްތަކުންނެވެ. މިފަދަ ބޮޑު ޓެކްސް އެއް މިބާވަތްތަކުން ނަގަނީ އެބާވަތްތަކުން އިންސާނުންގެ ޞިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނާތީއެވެ.
ރާއްޖެއިން ވެސް މިއަހަރު ދުންފަތާއި އެނަރޖީ ޑްރިންކްސްގެ ޑިޔުޓީ ބޮޑުކުރާނެކަމަށް މިހާރު ވަނީ ބެލެވިފައެވެ. ނަމަވެސް ފިޒީ ޑްރިންކްސް ޢާއިމެދު ފިޔަވަޅު އަޅަން ނިންމިކަން އަދި އެނގިފައެއް ނުވެއެވެ.