ސައުދިއަރަބިޔާގައި ތިބި އެންމެ ނުރައްކާތެރި ޓެރަރިސްޓުން ކަމަށް ބެލެވޭ ދެމީހުންގެ ގައަށް ސިފައިން ބަޑިޖަހައި އިއްޔެ މަރާލައިފައިވާއިރު އެދެމީހުންނަކީ މިދިއަ ރަމަޟާންމަހު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ މިސްކިތްކޮޅު، މަސްޖިދުއްނަބަވީއަށް ދިން ޓެރަރިސްޓް ހަމަލާ ވެސް ރޭވި 2 މޭސްތިރިންކަމަށް ސައުދިއަރަބިޔާއިން ބުނެފިއެވެ.
މިދިއަ ރަމަޟާންމަހުގެ ފަހު 10 ގައި ޓެރަރިސްޓުންގެ ބައަކު ވަނީ މަސްޖިދުއްނަބަވީއަށް ވަދެގަންނަން މަސައްކަތްކޮށްފައެވެ. އެމީހުން ވަދެގަންނަން މަސައްކަތްކުރީ ސެކިޔުރިޓީ ޗެކްޕޮއިންޓުގައި ތިބި ގާޑުން ރޯދަވީއްލަން ފެށި ވަގުތުގައެވެ.
ގާޑުންނަށް ޝައްކުވެގެން ވަންނަން އުޅުނު މީހުން ޗެކުކުރަން މަސައްކަތްކުރުމުން އެމީހުން ވަނީ ޖާނުން ފިދާވެ އަމިއްލަ ހަށިގަނޑުތައް ގޮއްވާލައިފައެވެ.
މަސްޖިދުއްނަބަވީ އަކީ މުސްލިމުންގެ ދެވަނައަށް އެންމެ މުޤައްދިސް ބިނާއެވެ. ކައުއިތރުު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަށިކޮޅު ފަސްދާނުވަޑުވާފައިވާ ސަރަހައްދުވެސް މިހާރު ވަނީ މަސްޖިދުއްނަބަވީ އާއި އެއްކުރެވިފައެވެ. އަދި މިބިންމަތީގައިވާ ސުވަރުގޭގެ ބަގީޗާއަކާއި ގުޅިފައިވާ ބިންކޮޅު ''ރިޔާޛުއްޖައްނަތް" އަކީ ވެސް މަސްޖިދުއްނަބަވީގެ ބައެކެވެ.
މީގެ އިތުރުން ކައު އިތުރު ރަސޫލާގެ މެންބަރުކޮޅުވެސް ހުރީ ހަމަ މަސްޖިދުއްނަބަވީގައެވެ.
މިފަދަ މާތްތަނަކަށް ވަދެ ބޮންގޮއްވައި މަސްޖިދުއްނަބަވީގައި ތިބި އެންމެން މަރަށް ރޭވުމަށްވުރެ ނުބައިކަން ވަކިން ބޮޑު އަމަލަކީ ކޮބައިބާވައެވެެ!
އެއީ ރަމަޟާން މަހުގެ ފަހު ދިހަކަމުން އެތައް ހާސް މުސްލިމުން އެއިރު މަސްޖިދުއްނަބަވީގައި އިއުތިކާފަށްވެސް ތިއްބެވެ. އަދި އެ ނުބައި އަމަލު ހިންގަން އެމީހުން މަސައްކަތްކުރީ ރޯދަ ވީއްލުމަށާއި މަޣްރިބް ނަމާދަށް އެތައް ހާސް މުސްލިމުން ގޮސްތިބި ވަގުތެއްގައިކަންވެސް ފާހަގަކުރެވެއެވެ.