އިންޑިއާގެ ޗަތިސްގަޅުގެ ފުލުހުން 2015 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ނިޔަލަށް ދެ އަހަރު ތެރޭ 16 އަންހެނުން ރޭޕްކޮށް ޖިސްމާނީ އަނިޔާކޮށްފައިވާކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއިން ހާމަކޮށްފިއެވެ.
އެޖަމިއްޔާއިން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އަނިޔާ ލިބުނު ބައެއް އަންހެނުން، މައްސަލަ ރިޕޯޓްކޮށްފައިނުވާތީ ފުރިހަމައަދަދު މިއަށްވުރެ އިތުރުވާނެ ކަމަށެވެ.
ޖިންސީ ގޯނާ ކުރުމުން އަނިޔާ ލިބޭ އަންހެނުންނަށް ލިބެންޖެހޭ މާލީ ބަދަލު، 37 ލައްކަ ރުޕީސް ސަރުކާރުން ނުދެނީ ކީއްވެގެންކަމާއިމެދު ވެސް އެ ޖަމިއްޔާއިން ވަނީ ސުވާލުކޮށްފައެވެ. އެ ޖަމިއްޔާއިން ވަނީ ފުލުހުން ކުރާ ދަތުރުތަކުގައި ފަޤީރުންގެ އަވަށްތައް ހުރަސްކުރާއިރު ފަޤީރުންގެ ތަކެތި ފޭރޭ ކަމުގެ ތުހުމަތުތައްވެސް ކޮށްފައެވެ.
އިންޑިއާގެ ފުލުހުން މިބާވަތުގެ ކުށްތައް ކުރާކަން އިންޑިއާގެ ނޫސްތަކުގައި ގެންދަނީ ހާމަކުރަމުންނެވެ. އެގޮތަށް ހާމަކުރާ ޚަދަރުތަކުން މައުލޫމާތު ހޯދައި އިންސާނީ ހައްޤުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާތަކުން ގެންދަނީ ތަޙްޤީޤްތައް ކުރަމުންނެވެ.