މުމްބާއީ އިން ފުރައިގެން އެމެރިކާގެ ނިވްޔޯކަށް ދަތުރުކުރި ފްލައިޓެއްގައި އިން އަންހެނަކަށް ގޯނާކޮށް އޭނާގެ ގުނަވަންތަކުގައި އަތްލި އިންޑިއާގެ ވިޔަފާރިވެރިއަކު އޭނާގެ އާއިލާގެ ހައްޤުގައި މަޢާފްކޮށްދިނުން އެދި އާދޭސްކޮށް 6 ޞަފްހާގެ ސިޓިއެއް ފޮނުވައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން އަންހެން މީހާ ފްލައިޓުގައި އިނީ ވިޔަފާރިވެރިޔާ އާއި ޖެހިގެންނެވެ. އަންހެން މީހާއަށް ހޭލެވުނީ އޭނާގެ ގުނަވަންތަކުގައި އަތްލަން ފެށުމުންނެވެ. ހޭލެވުމާއިއެކު އަންހެން މިހާ ވަނީ އަޑުގަދަކޮށް މައްސަލަ ކެބިން ކުރޫންނަށް ހުށަހަޅައިފައެވެ. އެހެންކަމުން ފުލުހުން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.
"އަހަރެންގެ ކުށް އަހަރެން ޤަބޫލުކުރަމެވެ. އެކަމަކީ އަހަރެންނަށް ކުރެވުނު ވަރަށް ގޯސްކަމެކެވެ. އެކަމަށް އިއުތިރާފްވެ މަޢާފަށް އެދެމެވެ.
އަހަރެންގެ 11 އަހަރުގެ ދަރިިފުޅާއި އާއިލާގެ ހައްޤުގައިވެސް އަހަރެންނަށް މާފްކުރާށެވެ. އަހަރެންނަށް ކުރެވުނު ކުށަކާއިހުރެ އަހަރެންގެ އާއިލާއަށް މައްސަލަތައް ކުރިމަތި ނުކުރުވާށެވެ. މިއީ މިހާރު ވިސްނަންޖެހޭ ކަމެއް ނޫން ކަމާއި އެކުށް ކުރުމުގެ ކުރިން ވިސްނަންޖެހޭ ކަމެއް ކަމަށް ވެސް ޤަބޫލުކުރާ ހާލު މައާފަށް އެދި ޢާދޭސްކުރަމެވެ."
މިމޭރުމުން ވިޔަފާރިވެރިޔާ ލިޔެފައިވެއެވެ.
ފްލައިޓުތަކުން ދަތުރުކުރާއިރު އަންހެނުންނާއި ފިރިހެނުން ތިބެނީ އެކުގައެވެ. އެގޮތަށް ތިބެންޖެހުމަކީ އަނެކާގެ ހައްޤުތަކަށް އަރައިގަންނަންޖެހޭ ސަބަބެއް ނޫން ނަމަވެސް މިފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެހެންކަމުން ދަތުރުކުރާއިރު މިފަދަ ކަންކަމަށް ސަމާލުކަން އިތުރުކުރަންޖެހެއެވެ.
ވިޔަފާވެރިޔާއަކީ އެމެރިކާގެ ރައްޔިތަކަށްވުމަށް އުންމީދުކޮށް އެކަމަށް މަސައްކަތްކުރަމުން އަންނަ މީހެކެވެ. އޭނާގެ މިއަމަލުގެ ސަބަބުން އެމެރިކާގެ ރައްޔިތަކަށްވުމުގައި ދަތިތަކެއް ކުރިމަތިވާނެއެވެ.