އަނބި މީހާ ދަރިމައި ނުވުމުން އެކަމާ ރުޅިއައިސްގެ ނޭޕާލުގެ ފިރިހެނަކު އޭނާގެ އަންހެނުންނަށް "އަދަބު" ދީފިއެވެ.
އެމީހާ އޭނާގެ އަންހެނުންށް އަދަބު ދީފައިވަނީ ރޮށިދަމަން ގެންގުޅޭ ލަކުޑި ރޯލުންނެވެ. އެ ރޯލު އޭނާގެ އަންހެނުންގެ ބަނޑުތެރެއަށް ފޮނުވާލީ އެއްވެސް ރަހުމެއްނެތިއެވެ.
އެހާދިސާއަށްފަހު އަންހެންމީހާވަނީ އުތުރު އިންޑިއާގެ ހަލްޑަވާނީ ގައި ހުންނަ ހޮސްޕިޓަލަކުން ފަރުވާ ހޯދައިފައެވެ. އޭނާ އެ ހޮސްޕިޓަލަށް ދިޔައީ އާދަޔާ ޚިލާފަށް ބަނޑަށް ތަދުވެ ބަނޑު ދުޅަވާ ކަމަށް ބުނެއެވެ. އެ ހޮސްޕިޓަލުން އޭނާ ފަރުވާ ހޯދައިފައިވަނީ މިދިޔަ ކްރިސްމަސް ދުވަހުއެވެ.
ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރުންވަނީ އަންހެން މީހާގެ އެކްސްރޭ އެއް ނަގައިފައެވެ. އެކްސްރޭއިން ރޮށިދަމާ ދަނޑިގަނޑު ފެނުމުން ފަސް ޑޮކްޓަރުން ހިމެނޭ ޓީމަކުންވަނީ އޮޕަރޭޝަންކޮށް އަންހެން މީހާގެ ބަނޑުތެރެއިން އެ ރޯލް ނަގައިފައެވެ.
މި ކަމާބެހޭ ގޮތުން އެ ހޮސްޕޓަލުގެ ޖެނެރަލް ސާޖަނެއް ކަމުގައިވާ ޑރ. ކެދަރު ސިންގް ޝާހީއާ ހަވާލާދީ މެޓްރޯގައި ބުނެފައިވަނީ މި އީ ވަރަށް ހައިރާން ކުރުވަނިވި ކަމެއް ކަމަށެވެ. މިފަދަ ކަމަކީ މުޖުތަމައުގައި ހިނގައިގެންވާނެ ކަމެއް ނޫންކަމަށްވެސް އޭނާ ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ އެކްސްރޭއިން އެ ރޯލް ފެނިފައިވަނީ ހަމަ އެކަނި ހިޔަންޏެއްގެ ގޮތުގައި ކަމަށެވެ. ލަކުޑިން ހަދާފައި ހުންނަ އެއްޗެއް އެކްސްރޭ އިން ރަނގަޅަށް ނުފެންނާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޑޮކްޓަރާ ހަވާލާދީ މެޓްރޯއިން ބުނެފައިވަނީ މި އަނިޔާވެރި އަމަލުގެ ސަބަބުން އެ އަންހެން މީހާއަށް ގަދަފަދަ ވޭނެއް ތަހައްމަލް ކުރަންޖެހިފައިވާ ކަމަށެވެ. އެއީ މަރުގެ އެތިފަހަރެއް ކަމަށްވެސް ޑޮކްޓަރު ބުނެފައިވެއެވެ.
ރޮށިދަމާ ރޯލުގައި ގާތްގަނޑަކަށް 40 ސެންޓިމީޓަރު ހުންނާނެ ކަމަށްވެއެވެ. އެއީ އިންސާނެއްގެ ހަށިގަނޑު ތެރެއަށް ފޮނުވާލެވޭ ވަރުގެ އެއްޗަކަށްވުރެ މާބޮޑު އެއްޗެއް ކަމަށްވެސް ޑޮކްޓަރުން ބުނެފައިވެއެވެ.
މި ކަމާ ގުޅިގެން އެ އަންހެންމީހާ ބުނެފައިވަނީ އެއީ އޭނާ ދަރިމައި ނުވުމުން އެކަމާ ރުޅިގަދަވެގެން އަދަބެއްގެ ގޮތުގައި އޭނާގެ ފިރިމީހާ ކުރި ކަމެއް ކަމަށެވެ. ރަހުމެއްނެތް. ވިޔާނުދާ އެއަމަލު އެ ފިރިހެންމީހާ ހިންގާފައިވަނީ އަންހެންމީހާ ހޮސްޕިޓަލަށް ދިޔުމުގެ ތިން ދުވަސް ކުރިން ކަމަށް އޭނާ ބުނެފައިވެއެވެ.
އެ އަމަލު ހިންގުމަށްފަހު އެކަން އެހެން އެއްވެސް މީހަކާ ހިއްސާ ކޮށްފިނަމަ މަރާލާނޭ ކަމުގެ އިންޒާރުވެސް ފިރިމީހާ ދީފައިވާ ކަމަށް އަންހެން މީހާ ބުނެފައިވެއެވެ.
ދަރިމައި ނުވުމުގެ ސަބަބުން އޭގެ ކުރިންވެސް އެ ފިރިހެން މީހާވަނީ އޭނާގެ އަންހެނުންނަށް އެތަކެއް ފަހަރެއްގެ މަތިން ތަފާތު އަހުވަ ދައްކައިފައެވެ.
މި މައްސަލައާ ގުޅިގެން އެ ފިރިހެންމީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ.
ނޭޕާލަށް އުފަން މި ދެމީހުން ވެސް ދިރިއުޅެމުން އައީ އިންޑިއާގައެވެ. މި އިން އެއްވެސް މީހެއްގެ ނަން މެޓްރޯ ނޫހުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އަންހެން މީހާގެ އުމުރަކީ 38 ކަމަށް ބުނެފައިވެއެވެ.