ނަސީރުއްދީން ޝާހުގެ ފުރާނަ އޯމް ޕޫރީ ސަލާމަތްކުރި ކަން އެނގޭތަ؟

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 2މ 39ސ
ނަސީރުއްދީން ޝާހުގެ ފުރާނަ އޯމް ޕޫރީ ސަލާމަތްކުރި ކަން އެނގޭތަ؟
ދާދިފަހުން މުޅި ބޮލީވުޑް ސިއްސުވާލި އެއް ޚަބަރަކަށް ވެގެންދިޔައީ މަޝްހޫރު ފިލްމީ ތަރި އޯމް ޕޫރީގެ މަރުގެ ޚަބަރެވެ. އޯމް ޕޫރީގެ މަރުގެ ޚަބަރާއެކު އިންޑިޔާ ސިނަމާތަކަށް ވަނީ މޮޅިވެރިކަން އައިސްފައެވެ.

ބޮލީވުޑަށް ނިސްބަތްވާ އެތައް ފަންނާނުންގެ އިތުރުން ފިލްމީ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކުން އޯމް ޕޫރީގެ މަރާ ގުޅިގެން ހިތާމަ ފާޅުކުރިއެވެ. އެހެންނަމަވެސް، އޯމް ޕޫރީގެ މަރާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ އިންޑިޔާގެ ފިލްމީ ތަރި ނަސީރުއްދީން ޝާހަށް ކަމަށް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާ ގޮތުން އެއް އިރެއްގައި ނަސީރުއްދީން ޝާހުގެ ފުރާނަ އޯމް ޕޫރީ ވަނީ ސަލާމަތްކޮށްފައެވެ. ނަސީރުއްދީނާއި އޯމް ޕޫރީއަކީ ޒަމާންވީ ގާތް ދެ ރަޙުމަތްތެރިންކަން ގިނަ ބަޔަކަށް އެނގެއެވެ.

އެހެންނަމަވެސް، އެއްއިރެއްގައި ނަސީރުއްދީން ޝާހަށް ވަޅިން އަމާޒުކޮށް ދިން ޙަމަލާއެއްގައި އޭނާގެ ފުރާނަ އޯމް ޕޫރީ ސަލާމަތްކުރި ވާހަކަ އެއީ ގިނަ ބަޔަކަށް ނޭނގޭ ޙަޤީޤަތެކެވެ. ޚަބަރުތައް ބުނާ ގޮތުގައި ވަޅިން ޙަމަލާ ދިނީ ނަސީރުއްދީން ޝާހުގެ ކުރީގެ ރަޙުމަތްތެރިއެކެވެ. ރެސްޓޯރެންޓެއް ތެރޭގައި ދިން މިޙަމަލާގެ ވާހަކަ ނަސީރުއްދީން ޝާހުގެ އޮޓޯބަޔޮގްރަފީގައި ވެސް ހިމަނާފައިވާނެ ކަމަށް ޚަބަރުތައް ބުނެއެވެ. އެބުނާ ރަޙުމަތްތެރިޔާ ވަޅިން ޙަމަލާ ދޭން ފެށުމުން އޯމް ޕޫރީ އޭނާ އާއި ކުރިމަތިލުމަށް ފަހު އޭނާގެ ޙަމަލާތަކުން ޝާހު ސަލާމަތްކޮށްގެން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ބަޔޮގްރަފީގައި ބުނެފައި ވެއެވެ. އެޙާދިސާ ވަރަށް ތަފްޞީލުކޮށް ނަސީރުއްދީންގެ ބަޔޮގްރަފީގައި ބަޔާންކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ނަސީރުއްދީންގެ ބަޔޮގްރަފީގައި ފާހަގަކޮށްފައިވާ ގޮތުން އެ ޙަމަލާގައި ޝާހު ފުދޭވަރަކަށް ބޮޑަށް ޒަޚަމްވިއެވެ. ފުރަތަމަ ޙަމަލާ އަމާޒުވުމާއެކު އޯމް ޕޫރީ ޙަމަލާ ދިން މީހާއާއި ކުރިމަތިލީ ނަމަވެސް، ފުރަތަމަ ޙަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިއުމަށް ރެސްޓޯރަންޓް މުވައްޒަފުންގެ އެހީތެރިކަން ވެސް ނުލިބުނު ކަމަށް ލިޔެފައި ވެއެވެ.

ސަބަބަކީ ފުލުހުން ޙާޒިރުނުވަނީސް އެއްވެސް ތަނަކަށް ފޮނުވަން އެ މުވައްޒަފުން ޖެހިލުން ވީ ކަމަށާއި އެހެންކަމުން ފުލުހުންނަށް އިންތިޒާރު ކުރަން ޖެހުނީ ކަމަށް ނަސީރުއްދީން ބުނެފައި ވެއެވެ.

ފުލުހުންގެ ވެހިކަލް އައުމާއެކު ހުއްދަވެސް ހޯދުމެއް ނެތި ވެހިކަލަށް ނަސީރުއްދީން އަރުވައިގެން ހޮސްޕިޓަލަށް ގެންދަން މަސައްކަތްކުރީ އޯމް ޕޫރީ ކަމަށް އެ ބަޔޮގްރަފީގައި ބަޔާންކޮށްފައި ވެއެވެ. އެންމެ ފުރަތަމަ ހުއްދަ ނުހޯދާ އެރި މައްސަލައިގައި ފުލުހުންނާ ދެބަސްވުމަކަށް ދިޔަ ނަމަވެސް ވާހަކަ ދައްކައިގެން ފުލުހުންގެ އެހީތެރިކަން ފަހުން ލިބުނު ކަމަށާއި ހޮސްޕިޓަލަށް ގެންގޮސް ވަގުތުން ފަރުވާ ދޭން ފެށި ކަމަށްވެސް ބުނެފައިވެއެވެ.

ނަސީރުއްދީން ބުނީ އެ ޙާދިސާ ހިނގި ވަގުތު އޯމް ޕޫރީ ހުރިކަން އެއީ އޭނާގެ ނަސީބު ކަމަށެވެ. އަދި ފުރާނަ ސަލާމަތްކޮށްދިނީ އޯމް ޕޫރީ ކަމަށާއި އެކަމަށް ތާއަބަދު ޝުކުރުވެރިވާ ކަމަށް ނަސީރުއްދީން ޝާހު ބުނެފައިވެއެވެ.

ނަސީރުއްދީން ޝާހާއި އޯމް ޕޫރީއަކީ 1980އިގެ އަހަރުތަކުގައި އިންޑިޔާގެ ސިނަމާތަކުގައި ރަސްކަން ކުރި ދެ ފަންނާނުންނެވެ. މި ދެ ފަންނާނުން އެކީގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ފިލްމު "މަޤްބޫލު" އަދި "ޖާނޭ ބީ ދޯ ޔާރޯ" ހިމެނެއެވެ.
މިއަދު އޮންލައިން