ސްވިޒަރލެންޑުގައި ދިރިއުޅޭ މުސްލިމް އަންހެންކުދިން، އިސްލާމް ދީނިގެ އުޞޫލުތަކުގައި ހިފެހެއްޓުމުގެ ހައްޤުވެސް ޔޫރަޕުގެ އިންސާނީ ޙައްޤުތަކާއިބެހޭ އެންމެ މަތީ ކޯޓުން އަތުލައިފިއެވެ.
މިމައްސަލަ ފެންމަތިވީ ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިން އެކުގައި ފަތަން ދަސްކުރާ ޕްރޮގްރާމްތަކަށް ދަރިފުޅު ފޮނުވަން ބޭނުންނުވެގެން ސްވިޒަރލަންޑުގައި ދިރިއުޅޭ ތުރުކީ، ސްވިސް ދެމަފިރިން ކޯޓަށް ދިއުމުންނެވެ. ސްވިޒަލޭންޑުގެ ކޯޓުން ނިންމުމުން ދެމަފިރިން ވަނީ ޔޫރަޕުގެ އިންސާނީ ހައްޤުތަކާއިބެހޭ އެންމެ މަތީ ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެދެމަފިރިން ބުނަމުން ގެންދިއައީ އެގޮތަށް ދެ ޖިންސު އެކުގައި އެފަދަ ކަންކަމަށް ފޮނުވުމަކީ އިސްލާމީ އާދަކާދަތަކާއި ޚިލާފް ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމަކީ އިސްލާމް ދީން ބަލައިގަންނަ ކަންކަމެއް ނޫން ކަމަށެވެ.
އެކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ ހައްޤު ކޮންމެ މީހަކަށްވެސް ލިބޭނެ ކަމަށެވެ. ނަމަވެސް ފެތުން ފަދަ އިޖުތިމާއީ ކަންކަމަށް ދެ ޖިންސު އެކުގައި ނުފޮނުވާނަމަ އިޖުތިމާޢީ ގުޅުން ކެނޑޭނެ ކަމަށެވެ. އެހެންކަމުން ފެތުމުގައި ފިރިހެން ކުދިންނާއި އަންހެން ކުދިން އެކުގައި ބައިވެރިވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
މިއީ 2010 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ މައްސަލައެކެވެ. ސްވިޒަރލޭންޑުގެ ކޯޓުން ވަނީ މި މައްސަލައިގައި، ދަރިން ފަތަން ނުފޮނުވައިގެން 1400 ސްވިސް ފްރޭންކް، 1300 ޔޫރޯ އިން ޖުރުމަނާކޮށްފައެވެ. ޔޫރަޕުގެ ކޯޓުން ބުނީ އެ ޖުރުމަނާކޮށްފައިވަނީވެސް ހަމަ ރަނގަޅަށް ކަމަށެވެ.