ކަންދަހާރުގެ ގަވަރުނަރުގެ ގެސްޓް ހައުސްގައި ޔޫއޭއީގެ ގިނަ އަދަދެއްގެ ޑިޕޮލޮމެޓުން ގަވަރުނަރާއި ބައްދަލުކުރައްވަމުން ގެންދަވަނިކޮށް އެތަނަށް ދިން ބޮމުގެ ހަމަލާގައި ޔޫއޭއީގެ ގިނަ އަދަދެއްގެ ޑިޕޮލޮމެޓުން ނިޔާވުާއި ގުޅިގެން ޔޫއޭއީގެ ދިދަ މިއަދު ވަނީ ބައިދަނޑިއަށް ކޮށްފައެވެ.
ޔޫއޭއީގެ ރައީސްގެ ރަސްމީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދަކީ ޤައުމީ ހިތާމަ ފައުޅުކުރުމުގެ ދުވަހެއް ކަމަށެވެ.
ޔޫއޭއީގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން ވިދާޅުވީ އިއްޔެގެ ހާދިސާގައި ހުރިހާ ޑިޕޮލޮމެޓުންނަކީވެސް ޝަހީދުން ކަމަށެވެ.
"އެމީހުން މަސައްކަތްކުރަމުން ދިއައީ ހާލުގައިޖެހިފައިވާ ނިކަމެތި ފަޤީރުންތަކަކަށް އެހީތެރިވެދިނުމަށް. މާތް ﷲ ގެ މަގުގައި ހޭދަ ކުރެވޭނެ ގޮތްތައް ހޯދަން. އެފަދަ މަތުިވެރި މަޤްޞަދެއްގައި މަސައްކަތްކުރަމުން ދަނިކޮށް ޝަހީދުކޮށްލީ. މާތްﷲ އެބޭފުޅުންނަށް ހެޔޮ ރަހްމަތް ލައްވަވާނެ."
ބެލެވޭ ގޮތުން ޔޫއޭއީގެ 5 ޑިޕޮލޮމެޓުން ވަނީ މިހަމަލާގައި ނިޔާވެފައެވެ. ސަފީރަށް ވެސް ވަނީ އަނިޔާތަކެއް ލިބިވަޑައިގެންފައެވެ.
މިއީ ފަހަކަށް އައިސް މިފަދަ ހަމަލާއެއްގައި މިހައި ގިނަ އަދަދެއްގެ ޑިޕޮލޮމެޓުން ނިޔާވި ހާދިސާކަމަށްވާތީ ޤައުމުތަކާއި ޖަމާއަތްތަކުން ގެންދަނީ މިހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.
ޔޫއޭއީ އަކީ އަފްޣާނިސްތާނަށް އެކި ގޮތްގޮތުން އެހީތެރިވެދެމުން ގެންދާ ޤައުމެކެވެ.