މުމްބާއީއިން އިންޑިއާގެ ވަރަނާސީ އަށް ދަތުރުކުރި ސްޕައިސްޖެޓް (އެސް ޖީ 704) މަތިންދާ ބޯޓު ތެރޭގައި އެގައުމުގެ އަންހެނަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ސަންގީތާ ނަމަކަށް ކިޔާ މީހެކެވެ. މި ދަތުރުގައި އޭނާ އާއި އެކު އޭނާގެ ފިރިމީހާ އަދި އެމީހުންގެ ކުޑަ އަންހެން ދަރިފުޅުވެސް ބައިވެރި ވެފައިވެއެވެ.
ދަތުރުމަތީގައި، ނޭވާލާން އުނދަގޫވާކަމަށް ސަންގީތާ ބުނިކަމަށާއި އެކަމަށް ވަގުތުން ފަރުވާ ދެވެން ފެށިކަމަށް އެ އެއަރލައިން އާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އެ ބޯޓު، ލާލް ބަހާދުރު ޝާސްތްރީ އެއަރޕޯޓަށް ޖެއްސުމާއެކު އެމެޖެންސީގައި ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާ މަރުވެފައިވާ ކަމަށް ސަންގީތާ ބެލި ޑޮކްޓަރު ބުނެފައިވާކަމަށް ވެސް ރިޕޯޓު ތަކުގައިވެއެވެ.
އެހެން ނަމަވެސް މިހާދިސާ އާއި ގުޅިގެން ސަންގީތާގެ ފިރިމީހާ ބުނެފައިވަނީ ސަންގީތާ ނޭވާލާން އުނދަގޫ ކަމަށް ބުނެފައިވަނީ ބޯޓު ފުރިތާ އެއްގަޑި އިރު ފަހުން ކަމަށެވެ. އަދި އެހާދިސާ ހިނގަން މެދުވެރިވެފައިވަނި ބޯޓުގައި އެވަގުތު ހަރަކާތްތެރިވަމުން ގެންދިޔަ އެޓެންޑެންޓުންގެ ފަރުވާކުޑަ ކަމުން ކަމަށެވެ.
ހާދިސާ އާއި ގުޅިގެން ސްޕައިސްޖެޓްގެ ސްޕޯކްސް ޕާސަން އާއި ހަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވަނީ، ނޭވާލާން އުނދަގޫ ކަމަށް ބުނެ ފަސިންޖަރަކު ޝަކުވާ ހުށަހެޅުމުން އެ ބޯޓުގެ ކުރޫއިންތައް ވަގުތުން އެކަމަށް ސަމާލުކަން ދިން ކަމަށެވެ. އަދި އެވަގުތު ދެވެން ހުރި ފަރުވާ އެންމެ ރަނގަޅަށް ދީފައިވާ ކަމަށެވެ.
އޭނާ މަރުވެފައިވަނީ ބޯޓުތެރޭގައި ކަމެއް ނުވަތަ ހޮސްޓަލަށް ގެންދެވުނު މަގުމަތީގައި ކަން ކަށަވަރު ނުވާ ކަމަށެވެ.
އަދި މިވަގުތު މަރުވި މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވިފައިވާ ކަމަށާއި އެމަރާއި ބެހޭގޮތުން އިތުރު އެއްޗެއް އެނގިގެންދާނި ޕޯސްޓްމޯޓަމްގެ ރިޕޯޓު ލިބިގެން ކަމަށް ވެސް ސްޕޯކްސް ޕާސަން އާއި ހަވާލާދީ ނުސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.