މަގު ހުރަސްކުރަން އޮންނަ ޤަވާއިދާއި ޚިލާފަށް، ކަފިހުރަހަކުން ނޫން ގޮތަކަށް މަގުހުރަސްކުރި 28 އަހަރުގެ ޒުވާން މަންމަ އަކަށާއި 5 އަހަރުގެ ދަރިފުޅަށް ޝާރުޖާ ހޮސްޕިޓަލެއްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގަން މެދުވެރިވީ ކަފި ހުރަސް ނޫން ތަނަކުން މަގުހުރަސްކުރަނިކޮށް ބާރަށް ދުއްވާފައި އައިސައިކަލަކުން ދެމައިންގެ ގައިގައި ޖެހުމުން ކަމަށެވެ. އަދި ދެމައިންގެ ހާލުވެސް ވަރަށް ސީރިއަސް ކަމަށެވެ.
ރާއްޖެއަކީ ކަފިހުރަހުން ހުރަސްކުރަން އުޅޭއިރުވެސް މައްސަލަތައް ކުރިމަތިވަމުން އަންނަ ޤައުމަކަށްވާއިރު މިފަދަ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދީ ސަމާލުކަން އިތުރުކުރަން ވަނީ ޖެހިފައެވެ.
ބައެއް މައިން ބަފައިންނަށް، ޚާއްޞަކޮށް މައިންނަށް ހީވެފައި އޮންނަނީ ދަރިއެއްގެ އަތުގައި ހިފައިގެން ހިނގަން ލިބުމަކީ މަގުމަތީގައި ބޭނުންހައި ގޮތަކަށް ހިނގުމަށް ލިބޭ ލައިސަންސެއް ކަމަށެވެ. މިބާވަތުގެ އެކްސިޑެންޓްތަކުން ތިމާ އާއި ތިމާގެ ލޯބިވާ ދަރިފުޅު ސަލާމަތްވުމަށްޓަކައި މަގުގައި ހިނގާއިރު އާއި މަގުހުރަސްކުރާއިރު އެކަމަށް ޚާއްޞަ ސަމާލުކަމެއް ވަނީ ދޭންޖެހިފައެވެ.