ޗައިނާ އާއިމެދު ރައްޖެއާއި ސްރީ ލަންކާގެ ކުރީގެ އިސްވެރިން އަމަލުކުރައްވާތަން މިފެންނަނީ އެއްގޮތަކަށެވެ. ވެރިކަމުގައި ތިއްބެވިއިރު ޗައިނާ ވަރެއް ހަމަނެތެވެ. ވެރިކަމުން ފޭބުމަށްފަހު ހަމަ އެ ޗައިނާ ދުނިޔޭގައި ބާއްވާކަށްވެސް ކަމަކު ނުދެއެވެ.
ސްރީލަންކާއަށް ބަލައިފިނަމަ ހަންބަންޓޯޓާ ބަދަރުގެ މަޝްރޫއަކީ އަދި އެ ސަރަހައްދުގައި ޗައިނާ އާއި ގުޅިގެން ވިޔަފާރީގެ ޚާއްޞަ ސަރަހައްދެއް ޤާއިމުކުރުމުގެ މަޝްރޫއަކީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ފެށްޓެވި މަސައްކަތްތަކެކެވެ.
ކޮރަޕްޝަންގެ މައްސަލަތައް އިންތިހާއަށް ބޮޑުވެ ހުރިހައި ކަންކަން ހަތަރުއަނގޮޅި މެދުގައި ތާށިވީއެވެ. ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް ނުފެނިގެން ހުއްޓައިލަން ޖެހުނީއެވެ.
މިހާރުގެ ސަރުކާރުން އެކަންކަމަށް ހުރި ހުރަސްތައް ނައްތާލައި މަޝްރޫއުތައް ހިންގޭނެ ގޮތް ހަދައި ވިޔަފާރީގެ ޚާއްޞަ ސަރަހައްދުގައި ފެކްޓްރީތަކާއި އައިޓީ ޕާކްތައް ތަރައްޤީކުރާ ހިސާބަށް ދިއުމުން ރައީސް ރާޖަޕަކްސައަށް މިއިން އެއްވެސް ކަމެއް މިހާރު ކަމުދާކަމަކަށް ނުވެއެވެ. މުޒާހަރާކުރުވަން މީހުންވެސް ނެރެނީއެވެ.
ރާއްޖެއަށް ބެލިނަމަވެސް ފެންނަނީ ހަމަ މިފަދަ މަންޒަރުތަކެވެ. ވެރިކަމުގައި ތިބި އިރު ޗައިނާ ވަރެއް ނެތެވެ. ލިބުނުހައި އެހީތެރިކަމެއް ހޯދީއެވެ. ސަލާންޖަހައިގެން ވެސް ހޯދީއެވެ. ޤައުމަށްޓަކައި ސަލާންޖެހުމަކީ ލަދުވެތިކަމެއް ނޫނެވެ. ނަމަވެސް ސަލާންޖެހުމުން އެހީތެރިކަން ފޯރުކޮށްދިން ފަރާތައް ޣައްދާރުވުމަކީ މައްސަލައެކެވެ.
މާލޭގައި ފާޚާނާ ކުރެވޭނެ ގޮތް ހަދައިދިނީ ޗައިނާއިންނެވެ. ހަމަ ހިލޭ ސާބަހަށެވެ. ފްލެޓުތައް އަޅައިދެމުން ގެންދިއައީ ހިލެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ކުއްޔަށް ދެއްވީ ހަމަ ހިލޭ ޗައިނާއިން އަޅައިދިން ފްލެޓްތަކެވެ. މާލޭގަ ވެސް އަދި ހުޅުމާލޭގަ ވެސް މެއެވެ. އެއިން އެއްވެސް ފްލެޓެއް އަޅަން ސަރުކާރުން ބައިލާރިވެސް ޚަރަދުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން ވެސް ޗައިިނާއިން ވެދިން ބޮޑެތި އެހީތައް އެހެރީ ހާމައަށް ފެންނާށެވެ.
މިހުރިހައި ކަމަކާއިއެކުވެސް އެހެންވެސް ބޭރުގެ ކުންފުނިތަކަށް ރިޒޯޓުތައް ތަރައްޤީކުރަން ފުރުޞަތުދޭ ފަދައިން ޗައިނާގެ ކުންފުންޏަކަށް ފޭދޫފިނޮޅުގައި ރިޒޯޓެއް ތަރައްޤީކުރަން ފުރުޞަތު ދިނުމުން އެކަން ވެފައިމިވަނީ އެންމެ ނުބައި އަމަލަކަށެވެ.
ހަކުރު އަޑުބައެއްގެ ވެސް ދޮކޮޅު އޮންނަކަމަށް ބުނެވޭއިރު މިކަމުގައި މިފަހަރު މިވީ ގޮތަކީ މިނާ އަޑުބާގެ ފޫވެސް ނެތުމެވެ. ސިޔާސީ ފިކުރުގެ ސަބަބުން އަޑުބާގެ ފޫވެސް ވެޓިގެންދިއައީއެވެ.