އިންޑިއާގެ ހައިދަރު އާބާދުގެ 16 އަހަރުގެ އަންހެން ކުއްޖަކަށް ކުރިމަތިވެފައިވަނީ އާދައާއި ޚިލާފް މަައްސަލައެކެވެ. އުމުރުން 36 އަހަރުގެ މީހަކު އޭނާގެ އާއިލާގެ "ބޯ ކައިގެން" އަދި އޭނާގެ ހުރި މުއްސަނދިކަމުގެ ބޭނުން ކޮށްގެން އޭނާ އާއި ކައިވެނިކުރީ ކިޔަވައި ނިމި އަދި 17 އަހަރު ފުރެންދެން އޭނާގެ ބޭނުން ނުކުރާނެ ކަމަށް ބުނެ ހުވާ ކުރުމަށްފަހުއެވެ.
ނަމަވެސް އޭނާއަށް ކަންތައްތައް މެދުވެރިވީ އެފަދައަކުން ނޫނެވެ. އިރުއަރާ ކޮންމެ ރެއަކައި ދުވަހެއް ވެގެން ދިއައީ އަނިޔާވެރި ދުވަހަކަށެވެ. ދެލޮލުން ކަރުނަތައް އޮހޮރިގެންދާ ދުވަހަކަށެވެ. 10 ވަނަ ކްލާހުގައި ކިޔަމުންދާ ދަރިވަރަށް ފިލާވަޅު ދަސްކޮށްލާނެ ފުރުސަތުވެސް ނުލިބެއެވެ. އަބަދުވެސް ޖެހުނީ ފިރިމީހާގެ ޝިކާރައަކަށް ވުމަށެވެ.
މިހާލަށް ކެތް ނުކުރެވިގެން އެނބުރި ގެއަށް އައުމުން ޢާއިލާ އިން ވަނީ އޭނާ ބަލައިގެންފައެވެ. ނަމަވެސް ކޯޓަކުން ސަލާމަތެއް ނުވެވުނެވެ. ފިރިމީހާއަށް ޚިދުމަތް ނުކުރުމުގެ ދައުވާ އުފުލުމުން ކޯޓުން ނިންމާފައިވަނީ އަންހެން ކުއްޖާ ކުށްވެރިވާ ކަމަށެވެ. ފިރިމީހާއަށް ޚިދުމަތް ނުކުރާތީއެވެ.
16 އަހަރުގައި ފިރިމީހާއަށް ޚިދުމަތް ނުކޮށްގެން ކުށްވެރިވާއިރު ވަރިއަށް އެދި މައްސަލަ ހުށަހެޅެން އޮތީ އުމުރުން 17 އަހަރުވުމުންނެވެ. ކުޑަކުދިންނަށް ކޯޓަށް މައްސަލަ ހުށަނުއެޅޭތީއެވެ. ކުޑަކުދިން ކައިވެނި ކުރުމަކީ މަނާކަމަކަށްވާތީ މައިން ބަފައިންނަކަށްވެސް މައްސަލަ ކޯޓަށް ހުށަހެޅޭކަށް ނެތެވެ.
އަންހެން ކުދިންނަށް ކުރިމަތިވަމުން އަންނަ މިބާވަތުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. އަންހެން ކުދިންނަށް ކުރިމަތިވަމުން އަންނަ މިބާވަތުގެ މައްސަލަތައް މަދުކުރަން އެކި ޖަމާއަތްތަކުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް މައްސަލަތައް ދަނީ އިތުރުވަމުންނެވެ. ފަޤީރުކަން ބޮޑުވުމުން ދަރިން ވިއްކައިލެވޭ އަދަދު އިތުރުވަމުން އަންނާތީއެވެ.