އުމުރުން 14 އަހަރުގެ ކުއްޖަކު ގުޖްރާތް ސަރުކާރަށް 5 ކުރޯޑް ރުޕީސްގެ ޑްރޯން އުފައްދައިދެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އުމުރުން 14 އަހަރުގެ ކުއްޖަކު ގުޖްރާތް ސަރުކާރަށް 5 ކުރޯޑް ރުޕީސްގެ ޑްރޯން އުފައްދައިދެނީ!
އަހްމަދު އާބާދުގައި ދާދިފަހުން ބޭއްވި ވައިބްރަންޓް ގުޖްރާތް ސަމިޓުގެ ތެރެއިން އެންމެންގެ ސަމާލުކަން އެންމެ ބޮޑަށް ލިބިގެންދިއަ އެއް ކަމަކީ އުމުރުން 14 އަހަރުގެ ހާޝްވަރުދަން ޒާލާ ގުޖްރާތް ސަރުކާރަށް ބޭނުންވާ ޑްރޯން އުފައްދައިދިނުމަށް ސަރުކަރާއިއެކު 5 ކުރޯޑް ރުޕީސްގެ އެއްބަސްވުމެއްގައި ސޮއިކުރުމެވެ.

މި ޑްރޯނަތަކަކީ މައިން ފަދަ ތަކެތި ހޯދަން ބޭނުންކުރެވޭނެ ޚާއްޞަ ޑްރޯންތަކެކެވެ.

ޒާލާ މިހާރު ވަނީ 3 ޑްރޯން އުފައްދައި އޭނާގެ ނަމުގައި އެ އުފެއްދުން ރަޖިސްޓްރީކޮށްފައެވެ. އަދި ގުޖްރާތުގެ ޑިޕާޓްމަންޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އިން ވަނީ މި ޑްރޯންތައް ޓެސްޓްކޮށް އެއީ މޮޅު އުފެއްދުމެއްކަމަށް ޤަބޫލުކޮށް ބަލައިގެންފައެވެ.

މިދިއަ އަހަރުގެ ފަހު އިމްތިހާނަށް ދަރިވަރުންތައް ތައްޔާރުވަމުން އައި ދުވަސްވަރު ޒާލާ އުޅުނީ ޑްރޯން އުފެއްދުމުގެ މަސައްކަތުގައެވެ. ސަމިޓު ފެށުމުގެ ކުރިން ޑްރޯންތައް ނިންމުމަށެވެ.

ޒާލާ އުފެއްދި ނަމޫނާ ޑްރޯން އުފެއްދުމަށް އާއިލާއިން ވަނީ 2 ލައްކަ ރުޕީސް ދީފައެވެ. ސަރުކާރުންވެސް ވަނީ އޭނާގެ މަސައްކަތަށް ހިތްވަރު ދިނުމަށް 3 ލައްކަ ރުޕީސް ދީފައެވެ.

މި ޑްރޯނުގައި ހަރުކޮށްފައި ހުންނަ ކެމެރާތަކުން ލޭންޑް މައިންތައް ފާހަގަކޮށް އަންގައިދޭނެއެވެ. އެހެންކަމުން ސިފައިންގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ގެންދާއިރު އުމުރުން 14 އަހަރުގެ ޒާލާ ވެގެން ދިއައީ ތާޜީޚީ އުފެއްދުމަކަށެވެ.
މިއަދު އޮންލައިން