ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް މިދިއަ އަހަރު ފާހަގަކުރެވުނީ ނިކަމެތި ފަޤީރުންނާއި ޙާލުގައި ޖެހޭ މީހުންގެ އެންމެ ބޮޑު "ބައްޕަ" ގެ ގޮތުގައެވެ.
އެފަދަ ފަރާތްތަކަށް އެހީތެރިވެދެއްވުމަށް އެމަނިކުފާނު ހިންގަވާ ކިންގ ސަލްސަލްމާން ރިލީފް ފަންޑުން މިދިއަ އަހަރުގެ މެއި މަހުން ފެށިގެން އަަހަރު ނިމުނު އިރު ވަނީ 33 ޤައުމެއްގެ ތަފާތު ޕްރޮގްރާމްތަކަށް 680 މިލިއަން ޑޮލަރު ހޭދަކުރައްވާފައިވުމަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއް ޖަމާއަތަކަށް ރެކޯޑު އަދަދެކެވެ.
މިމަޝްރޫއުތައް ހިންގަވައި އެހީތެރިވެދެއްވާފައިވަނީ 4 ކޮންޓިނެންޓުގތައި ހިމެނޭ ޤައުމުތައްވެސް ހިމަނުއްވައިގެންނެވެ. 33 ޤައުމެއްގައި ކުރިއަށް ގެންދިއަ 172 މަޝްރޫއަކަށް އެމަނިކުފާނު ވަނީ އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ.
ސަލްމާން ރަސްގެފާނުގެ ރިލީފް ފަންޑުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަންކަމުގެ ތެރޭގައި ކާބޯތަކެތީގެ އެހީތެރިކަން، ބޮހިޔާވަހިކަން ފޯރުކޮށްދެއްވުން، ހާލުގައި ޖެހޭ ފަރާތްތަކަށް ކޭމްޕުތައް ހަމަޖައްސަވައިދެއްވުން، ޞިއްޙީ ކޭމްޕްތައް ކުރިއަށް ގެންދެވުން، ފައިދާހުރި ކާނާގެ ބާވަތްތައް ފޯރުކޮށްދެއްވުން ތައުލީމު ޙާޞިލުކުރުމަށް އެހީތެރިކަން ފަދަ ކަންކަން ހިމެނެއެވެ. އަދި ތިމާވެށްތަށް ޚިދުމަތް ކުރެއްވުމާއި ފާޚާނާ އާއި ސާފު ބޯފެން ފޯރުކޮށްދެއްވުން ވެސް ހިމެނެއެވެ.
ކާރިސާތަކުގެ ވަގުތުތަކުގައި މުވާސަލާތީ ގުޅުން ޤާއިމުކޮށްދެއްވުން ފަދަ ކަންކަމަކީވެސް އެމަނިކުފާނު ފޯރުކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކެވެ.
ކިންގ ސަލްމާން ރިލީފް ފަންޑު ސަލްމާން ރަސްގެފާނު އުފެއްދެވީ ހާލުގައި ޖެހިފައި ތިބޭ މީހުންނަށް އެހީތެރިވެދެއްވުމަށާއި އިސްލާމީ ނޫރު ފެތުރުއްވެވުމަށް ކަމަށެވެ.
ސަލްމާން ރަސްގެފާނު ބޭނުންފުޅުވަނީ އޯގާތެރިކަން އިސްލާމް ދީނުގައި އޮތްގޮތަށް ކުރިއަށް ނެރުއްވައިގެން މީސްތަކުންނަށް އިސްލާމް ދީނުގެ ހަޤީޤަތް އަންގަވައިދެއްވުމަށެވެ. ބާރުގެ ބަދަލުގައި އިސްލާމް ދީނުގެ ދީލަތިކަން އަންގަވައިދެއްވައިގެން މީސްތަކުންގެ ލޯބި އިސްލާމް ދީނަށް ހޯއްދެވުމަށެވެ.
މި މުއްދަތުގައި ތައުލިމީ ގޮތުން ހިންގެވި ޕްރޮގްރާމްތަކަށް 76 މިލިއަން ޑޮލަރު ސަލްމާން ރަސްގެފާނު ހޭދަކުރައްވާފައިވާއިރު އެ މަޝްރުއުތަކުން 4 މިލިއަން މުސްލިމް ދަރިވަރުންނަށް ވަނީ ފައިދާކޮށްފައެވެ.