ހޮލީވޫޑުގެ މަޝްހޫރު ތަރި ލިންޑްސޭ ލޯހަން އިސްލާމްދީން ގަބޫލު ކޮށްފި ކަމަށް ދެކެވެމުން އައި ވާހަކަތައް އިތުރަށް ހޫނުވެއްޖެއެވެ.
މި ވާހަކަތައް އިތުރަށް ހޫނުވެފައިވަނީ ލިންޑްސޭ އޭނާގެ އިންސްޓާގްރާމް އެކައުންޓް ސާފުކޮށް، "އައްސަލާމް އަލައިކުމް" މިހެން ލިޔެ ޕޯސްޓް ކުރި ހިސާބުންނެވެ.
އޭނާ، ކީރިތި ޤުރުއާން ހިފައިގެން ހުއްޓައި ނަގާފައިވާ ފޮޓޯތަކެއް މިދިޔަ އަހަރު ތެރޭގައި ސޯޝަލް މީޑިއާގައި ވަނީ އާންމުންގެ ސަމާލު ކަމަށް އައިސްފައެވެ. އެކަމުގެ ސަބަބުން އޭނާއަށް ވަނީ އެމެރިކާގެ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައެވެ.
ނަމަވެސް އޭނާ އެއިރު ވަނީ، އިސްލާމްދީން ގަބޫލު ކުރިކަމަށް ބުނެ މީހުން ދެއްކި ވާހަކަތައް ދޮގުކޮށްފައެވެ. އެކަމާބެހޭ ގޮތުން އޭނާ ބުނެފައިވަނީ އޭނާ ހަމަ އެކަނި ދީންތައް ދަނެގަންނަން މަސައްކަތް ކުރަނީ ކަމަށެވެ.
އޭނާ ބުނެފައިވަނީ ކީރިތި ޤުރުއާން އުފުއްލައިގެން ހުއްޓާ ނަގާފައި ހުރި ފޮޓޯ ތަކުގެ މައްސަލައިގައި، އޭނާއަށް ގިނަ ފާޑު ކިޔުންތައް އެމެރިކާގައި އަމާޒު ވެގެން ދިޔަ ކަމަށެވެ. އަދި އޭނާގެ އުފަން ގައުމު އެމެރިކާ ދޫކޮށް ލަންޑަނަށް ދާންޖެހުމާމެދު އުފާ ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރަށް އޭނާ ބުނެފައިވަނީ އިސްލާމްދީނުގެ ކަންތައް އުނގެނެން އޭނާ ބޭނުން ނަމަ އެކަމަކީ އޭނާގެ އަމިއްލަ ނިންމުމެއް ކަމަށެވެ.
ލިންޑްސޭ އޭނާގެ އިންސްޓާގްރާމް އެކައުންޓް ސާފުކޮށް، "އައްސަލާމް އަލައިކުމް" މިހެން ލިޔެ ޕޯސްޓް ކުރި ކުރުމާއިމެދު، ގިނަ މުސްލިމުން ދަނީ މަރުޙަބާ ކިޔަމުންނެވެ. އެހެން ނަމަވެސް އިސްލާމް ދީން ގަބޫލު ކުރި ކަމާމެދު އޭނާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ލިންޑްސޭ ވަނީ އިނގިރޭސި ގިނަ ފިލްމްތަކެއްގެ ބަތަލާގެ ބައި ކުޅެފައެވެ. އޭނާ ކުޅެފައިވާ ފިލްމު ތަކުގެ ތެރެއިން، ސްކޭރީ މޫވީ 5، ލޭބަރ ޕެއިން، މީން ގަރލް ފަދަ ފިލްމު ތަކަކީ ފާހަގަ ކޮށްލެވޭ ފިލްމު ތަކެކެވެ.