މިޞުރު ސަރުކާރުން ސައުދިއަރަބިޔާ އާއި ހަވާލުކުރަން މިދިއަ އަހަރު ނިންމި ދެ ރަށްކަމަށްވާ ޠިރާން އާ ސަނަފިރ ސައުދިއަރަބިޔާއަށް ނުދެވޭނެ ކަމަށް މިޞުރުގެ އެންމެ މަތީ އިދާރީ ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
ކޯޓުން މިއަދު ކުރި ޙުކުމުގައި ބުނެފައިވަނީ އެ ދެ ރަށަކީ އެއްވެސް އިރެއްގައި ސައުދިއަރަބިޔާގެ ދެ ރަށްކަން އެނގެން ނެތް ކަމަށާއި ދެ ރަށް ސައުދިއަރަބިޔާ އާއި ހަވާލުކުރަންޖެހެންވީ އެއްވެސް ސަބަބެއް އޮތް ކަމަށް ޤަބޫލުނުކުރާ ކަމަށެވެ.
ކޯޓުން މިފަދަ ޙުކުމެއް ކުރީ ދަށުކޯޓުން މިކަމުގައި ކުރި ޙުކުމް ސަރުކާރުން ބަލައި ނުގަނެ މަތީ ކޯޓަށް ހުށަހެޅުމުންނެވެ. މިޞުރުގެ ސަރުކާރުން މި ދެ ރަށް ސައުދިއަރަބިޔާ އާއި ހަވާލުކުރަން ނިންމުމުން އެކި ވަރުގެ މުޒާހަރާތައްވެސް ރައްޔިތުން ވަނީ ކޮށްފައެވެ.
ކޯޓުގެ ޙުކުމާއި ގުޅިގެން ގިނަ އަދަދެއްގެ ވަކީލުންނާއި ބައެއް ފަރާތްތަކުން ވަނީ ކޯޓުގެ ޙުކުމަށް ތާއީދުކޮށް ކޯޓުގައި އުފާ ފައުޅުކޮށްފައެވެ. އެމީހުން ކޯޓުގައި އަޑު އުފުލީ އެއީ އަަބދުވެސް މިޞުރުގެ ދެ ރަށް ކަމަށް ބުނެއެވެ.