ވީނުވީއެއް ނޭނގި ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަން ޖެހިދާނެ ކަމަށް އޮސްޓްރޭލިއާ އިން ބުނެފިއެވެ.
އޮސްޓްރޭލިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ޑެރެން ޗެސްޓާ ވިދާޅުވީ "އިތުބާރު ކުރެވޭފަދަ އާ ހެކިތަކެއް ފެނިއްޖެ ނަމަ" ބޯޓު ހޯދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.
އެމްއެޗް370 މަތިންދާ ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލީ އެބޯޓު ވެއްޓިފައި އޮވެދާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތައް ބަލައި ފާސްކުރުމަށް ތިން އަހަރުވަންދެން މަސައްކަތް ކުރުމަށް ފަހުގައެވެ. އެހެން ނަމަވެސް އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. އެންމެ ފަހުން ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުން އައި ގައުމުތައް ކަމަށްވާ އޮސްޓްރޭލިއާ، މެލޭޝިއާ އަދި ޗައިނާ އިން ބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާލީ، އަންގާރަ ދުވަހުއެވެ.
ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ ޓީމަކުން މިދިޔަ ޑިސެމްބަރު މަހު ހެދި ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ އެމްއެޗް370 ގެ މަތިންދާ ބޯޓު ވެއްޓިފައިވަނީ، މެލޭޝިޔާ، އޮސްޓްރޭލިއާ އަދި ޗައިނާގެ ޓީމުން ހޯދަމުންދާ ސަރަހައްދަށް ނޫން ކަމަށެވެ. ބޯޓު ވެއްޓިފައިވަނީ އިންޑިއާ ކަނޑުގެ އުތުރުގެ ހިސާބަކަށް ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުން239 މީހުންނާއެކު ފުރައިގެން ޗައިނާގެ ބެއިޖިންއަށް ދަތުރު ކުރަނިކޮށް މެލޭޝިއަން އެއާލައިންސްގެ އެމްއެޗް370 މަތިންދާ ބޯޓް ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗްމަހުގެ 8 ވަނަ ދުވަހުއެވެ.