ބޮލީވުޑްގެ ޗާޓުތަކުގައި މި ހަފްތާގައި އެންމެ ކުރީގައި އުޅޭ ލަވަތައް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 2މ 10ސ
ބޮލީވުޑްގެ ޗާޓުތަކުގައި މި ހަފްތާގައި އެންމެ ކުރީގައި އުޅޭ ލަވަތައް
ޗާޓުގެ އެއްވަނައިގައި އޮތީ މިޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "އޯކޭ ޖާނޫ" ގެ ލަވައެއް ކަމަށްވާ "ދަ ހައްމާ ސޯންގް" އެވެ. ޝްރައްދާ ކަޕޫރާއި އަދިތްޔާ ރޯއީ ކަޕޫރުގެ ވަރުގަދަ ކެމިސްޓްރީއެއް ފެނިގެންދާ މިލަވައަށް ޔޫޓިއުބްގައި 85 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. އޭ.އާރް ރަޙްމާން ކޮމްޕޯސްކޮށްފައިވާ މިއުޒިކަށް މެހެބޫބް ލިރިކްސް ހެދި މިލަވަ ކިޔާފައިވަނީ ޖޫބިން ނޮޓިޔާލް އާއި ޝަޝާ ތިރުޕާޓީއެވެ.

ޗާޓުގެ ދެވަނައިގައި ވެސް އޮތީ ހަމަ އެ ފިލްމުގެ ލަވައެއް ކަމަށްވާ "އެއްނާ ސޯނާ" އެވެ. މި ލަވައަކީ މިއަހަރުގެ މިހާތަނަށް ނެރުނު އެންމެ ރޮމޭންޓިކް ޓްރެކް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަރްޖީތު ސިންގްގެ އަޑުން ކިޔާފައިވާ މިލަވަ ޔޫޓިއުބްގައި 20 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު، މިއީ ލޯބިވާ ވާހަކަ މީހެއް ގާތު ބުނުމަށް އެންމެ އެކަށީގެންވާ ލަފްޒުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ލިރިކްސްއެއް ކަމަށްއެތައް ބަޔަކު ބުނެއެވެ. އޭ.އާރް ރަޙްމާން ކޮމްޕޯސްކޮށްފައިވާ މިއުޒިކަށް ލިރިކްސް ލިޔެފައިވަނީ ގުލްޒާރްއެވެ.

ޗާޓުގެ ތިން ވަނައިގައި އޮތީ މިމަހު 25 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ރައީސް" ގެ ލަވައެއް ކަމަށްވާ "އޯ ޒާލިމާ" އެވެ. ޔޫޓިއުބްގައި 35 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައިވާ މިލަވައިގެ ލިރިކްސް އަމީތާބު ބަޓަޗަރިޔާ ހަދާފައިވާއިރު، ލަވަ ކިޔާދީފައި ވަނީ އަރްޖީތު ސިންގާއި ހަރްޝްދީޕް ކޯރްއެވެ.

މިހަފްތާގެ ޗާޓުގެ ހަތަރުވަނައިގައި އޮތީ ވޭތުވެދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ބޭފިކްރޭ" ގެ ލަވައެއް ކަމަށްވާ "ނަޝޭ ސީ ސަދް ގަޔީ" އެވެ. ރަންވީރް ސިންގް އާއި ވާނީ ކަޕޫރުގެ ކުޅަދާނަ ނެށުންތައް ފެނިގެންދާ މިލަވައަށް ޔޫޓިއުބްގައި މިހާތަނަށް 140 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. އަރްޖީތު ސިންގްގެ އަޑުން ކިޔާފައިވާ މިލަވައިގެ މިއުޒިކް ވިޝާލް ކޮމްޕޯސް ކޮށްފައިވާއިރު، ލިރިކްސް ހަދާފައިވަނީ ޖޭދީޕް ސާހްނީ އެވެ.

ޗާޓުގެ ފަސްވަނައިގައި އޮތީ މިމަހު ރިލީޒްކުރާ ޝާހުރުކް ޚާންގެ ފިލްމު "ރައީސް" ގައި ހިމަނާފައިވާ އައިޓަމް ލަވައެއް ކަމަށްވާ "ލައިލާ މެ ލައިލާ" އެވެ. މިލަވައަކީ ފިލްމުގައި ސަނީ ލިއޯން ފެނިގެންދާ ހަމައެކަނި ލަވައެވެ. ސަނީ ލިއޯންގެ ޚާއްޞަ ފެނިލުމެއްގެ ގޮތުގައި ހިމަނާފައިވާ މިލަވަ ޔޫޓިއުބްގައި 74 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ. ކަލިޔާންޖީ ކޮމްޕޯސްކޮށްފައިވާ މިއުޒިކަށް ލިރިކްސް ހަދާފައިވަނީ އިންދީވަރްއެވެ. މިލަވަ ކިޔާފައިވަނީ ޕޯނީ ޕާންޑޭއެވެ.

މިއަދު އޮންލައިން