ފިލްމު "ރައީސް" ގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފިލްމު "ރައީސް" ގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި!
ރާހުލް ދޮލާކިއާ ޑައިރެކްޓްކޮށް ރިތޭޝް ސިދްވާނީ، ފަރްހާން އަޚްތަރު އަދި ގޯރީ ޚާން ޕްރޮޑިއުސްކުރާ ފިލްމު "ރައީސް" ގެ މަސައްކަތްތައް އެއްކޮށް ނިމި ސެންސަރ ސެޓްފިކޭޝަންއަށް ފޮނުވައިފިއެވެ. ފިލްމު "ކާބިލް" އާ އެއްދުވަހެއްގައި ރިލީޒްކުރާ "ރައީސް" ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓްފިކޭޝަންއަށް ފޮނުވާފައިވާއިރު، މިހަފްތާގައި ސެންސަރު ބޯޑަށް ފިލްމު ސްކްރީން ކުރެވޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.

ޝާހުރުކް ޚާނާއެކު ޕާކިސްތާނު އެކްޓްރެސް މާހިރާ ޚާން ލީޑް ރޯލުން ފެނިގެންދާ މިފިލްމާ، ރިތިކް ރޯޝަންގެ "ކާބިލް" އާ ވަރަށް ވާދަވެރިވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ބޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ދެ ތަރިން ކަމަށްވާ ޝާހުރުކް ޚާނާއި ރިތިކް ރޯޝަންގެ ދެ ފިލްމު އެއް ތާރީޚެއްގައި ރިލީޒްކުރުން ވެގެންދާނީ ބޮލީވުޑްގައި މިއަހަރު އުފެދޭ އެންމެ ފުރަތަމަ ކޯޅުމަށެވެ.

ދެ ގަޑިއިރާއި 22 މިނެޓުގެ ފިލްމު "ރައީސް" އަކީ އެކްޝަން ތްރިލާރ ފިލްމެކެވެ. އިންޑިޔާގެ ކްރިމިނަލެއް ކަމަށްވާ އަބްދުލް ލަޠީފްގެ ދިރިއުޅުމާ ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ މިފިލްމަކީ އޭނާގެ ބަޔޮގްރަފީ ފިލްމެއް ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް، ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މިކަން ދޮގުކުރެއެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ، މިއީ އެއްވެސް މީހެއްގެ ދިރިއުޅުމުގެ މައްޗަށް ތައްޔާރުކުރާ ފިލްމެއް ނޫން ކަމަށާއި މިއީ ފިކްޝަނަލް ފިލްމެއް ކަމަށެވެ.
އެގޮތުން، މިފިލްމުގައި ފެނިގެންދާނީ ޤާނޫނާ ޚިލާފް ވިޔަފާރިއެއް ކުރާ ވިޔަފާރިވެރިއެއްގެ ދިރިއުޅުމެވެ. ފިލްމުގައި ފުލުސް އޮފިސަރެއްގެ ރޯލުން ނަވާޒުއްދީން ޞިއްދީޤީ ވެސް ފެނިގެންދާނެއެވެ.

މި ޖެނުއަރީ މަހުގެ 25 ގައި ރިލީޒްކުރާ މިފިލްމުގެ ލަވަތައް މިހާރުއްސުރެ ޗާޓުތަކުގެ ކުރީގައި ވިދަމުން އަންނައިރު، "ކާބިލް" ވެސް ހަމަ އެދުވަހު ޕްރިމިއާރ ކުރާނެއެވެ.
މިއަދު އޮންލައިން