އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް ކުރިން ހުށަހަޅުއްވައިދެއްވި ޓީވީ ޝޯއެއް ކަމަށްވާ އެޕްރެންޓިސް ޝޯގެ ބައިވެރިއެއް އަދި ޖިންސީ ފުރައްސާއިގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް ކުރި އަންހެނަކު ޓްރަމްޕްއާ ދެކޮޅަށް އަބުރުގެ ދައުވާ އުފުލައިފިއެވެ.
ޓްރަމްޕް އަމިއްލަ ފުޅަށް 2007 ވަނަ އަހަރު އޭނާއަށް މަޖުބޫރު ކޮށްގެން ޖިންސީ އުފާ ހާސިލް ކުރަން އުޅުނު ކަމަށް ތުހުމަތުކުރި ސަމާ ޒެރްވޯސް ބުނީ ޓްރަމްޕްވަނީ އެކަމާ ބެހޭ ގޮތުން މުޅިގައުމަށް ދޮގު ހައްދަވާފައި ކަމަށެވެ.
ކޯޓަށް މައްސަލަ ހުށަހެޅިކަން އިއުލާނު ކުރުމަށް ބޭއްވި ނޫސްކޮންފަރެންސްގައި ޒެވްރޯސްވަނީ ޓްރަމްޕްއަކީ ދޮގުވެރިއެއްކަމާ އަންހެނުންނަށް އިހާނެތިކޮށް ހިތާ މީހެއް ކަމަށް ތުހުމަތުކޮށްފައެވެ. އަދި ޓްރަމްޕްއަކީ އޭނާގެ ގަދަރު ކުޑަކޮށް މަލާމާތް ރައްދުކޮށްފައިވާ މީހެއްކަމަށް ތުހުމަތުކޮށްފައެވެ.
މި ޚަބަރު އައިސްފައިއި މިވަނީ ޓްރަމްޕް ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ތިން ދުވަހަށް ވެފައިވަނިކޮށެވެ.
ޒެރްވޯސްއަކީ ރިޔާސީ އިންތިޚާބުގެ ވޯޓަށް މަދު ހަފްތާތަކަކަށް ވެފައިވަނިކޮށް ޓްރަމްޕްގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރި އަންހެނުންގެ ތެރެއިން އެކަކެވެ.
އެ ހުރިހާ ތުހުމަތެއް ދޮގުކުރައްވައި ޓްރަމްޕްވަނީ އެ ފަރާތްތަކުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.