ކައިވެނިކުރަން އެއްބަސްވެ، ދީން ބަދަލުކުރަން އެއްބަސް ނުވުމުން ފިރިހެނެއްގެ މޫނަށް އަންހެނަކު އެސިޑްޖަހާ ކަޓަރުއަޅައިފިއެވެ. މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ބެންގަލޫރުގައެވެ.
އުމުރުން 26 އަހަރުގެ ލިންޑިއާ ލޯބީގެ ގޮތުން ޖަޔާކުމާރާއި ގުޅިގެން އުޅޭތާ ފަސްއަހަރުވީއެވެ. ދެމީހުން ބައްދަލުވީ ޖަޔާކުމާރުގެ ފިހާރައަށް ލިންޑިއާ ގޮސް އުޅުމުގައެވެ. ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން ބަދަހިވަމުން އައިސް ލިންޑިއާ އާއި ކައިވެނިކުރަން ޖަޔާކުމާރު އެއްބަސްވީ މިދިއަ ނޮވެންބަރު މަހުއެވެ.
ލިންޑިއާ ބޭނުންވީ ޖަޔާކުމާރު، ހިންދީ ދީން ދޫކޮށް ކްރިސްޓިއަނަކަށް ވުމަށެވެ. ނަމަވެސް ޖަޔާކުމާރު ބުނީ އޭނާ ހުރީ ކައިވެނިކުރަން ތައްޔާރަށް ކަމަށާއި ނަމަވެސް ދީން ބަދަލު ނުކުރާނެ ކަމަށެވެ.
ލިންޑިއާ ތަކުރާރުކޮށް އެކަމަށް ބާރުއެޅުމުންވެސް ޖަޔާކުމާރު ވަނީ ދީން ބަދަލުކުރަން އެއްބަސްނުވެފައެވެ.
ނަތީޖާއަކަށްވީ މިދިއަ އަދީއްތަ ދުވަހު ޖަޔަކުމާރު ފައްޅިއަށް ދިއަ ވަގުތު ކާރުމަޑުކޮށްލުމުން ފިލައި ހުރި ލިންޑިއާ ނުކުމެ ޖަޔަކުމާރުގެ މޫނަށް އެސިޑް ޖެހުމެވެ. ނަގައިގަތް ދިލައާއިއެކު ކާރުން ނުކުތް ވަގުތު މޫނުގައި ކަޓަރު އެޅުމަށްފަހު ލިންޑިއާ އެތަނަށް ގޮސްހުރި ސައިކަލުގެ ފަހަތަށް އަރައިގެން ފިލީއެވެ.
ޖަޔަކުމާރުގެ ރައްޓެހިންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ވާނުވާއެއް ނުއެނގި ތިއްބައި ހުރިހައި ކަމެއްކޮށް ނިންމާފައި ލިންޑާ ފިލީއެވެ.
ފުލުހުން ވަނީ ލިންޑާ ހޯދައި ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ ޢާންމުކޮށް ކުރިމަތިވަނީ ފިރިހެނުން އަންހެނުންގެ މޫނަށް އެސިޑް ޖެހުމުގެ މައްސަލަތައް ކަމަށާއި ލިންޑިއާ ހިންގި އަމަލަކީ ޚާއްޞަ އަމަލެއް ކަމަށެވެ.