ޙިމާޔަތް ކޮށްފައިވާ ޖަނަވާރެއް ޝިކާރަ ކުރުމުގެ ދަޢުވާއިން ސަލްމާން ސަލާމަތްވެއްޖެ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 3މ 20ސ
ޙިމާޔަތް ކޮށްފައިވާ ޖަނަވާރެއް ޝިކާރަ ކުރުމުގެ ދަޢުވާއިން ސަލްމާން ސަލާމަތްވެއްޖެ!
ޙިމާޔަތް ކޮށްފައިވާ ޖަނަވާރެއް ޝިކާރަކުރުމުގެ ދަޢުވާއިން ބޮލީވުޑްގެ ތަރި ސަލްމާން ޚާން ސަލާމަތްވެއްޖެއެވެ.

ދަޅުފީނި ފުއްލާގެ ވައްތަރެއް ކަމަށްވާ "ބްލެކް ބަކް" ގެ ދެ ފުއްލާ ޝިކާރަ ކުރި ކަމުގެ ތުހުމަތުގައި ސަލްމާނާ ދެކޮޅަށް އުފުލާފައިވާ ދަޢުވާގެ ޝަރީއަތަށް އޭނާގެ ޤާނޫނީ ޓީމާއެކު ދައްތަ އަލްވީރާ ވަނީ ބުދަ ދުވަހު ޖޯދާޕޫރަށް ގޮސްފައެވެ. އެ އަޑުއެހުން ނިމިގެން ދިޔައީ އެ ދަޢުވާއިން އޭނާ ސަލާމަތްވުމަށް ފަހު އެވެ.

ސަލްމާނަށް ތާޢީދުކުރާ އެތައް ސަތޭކަ މީހުންނެއް ކޯޓު ކައިރިއަށް ޖަމާވިއިރު، އެހުރިހާ ފަރާތްތަކުން ވަނީ ސަލްމާން ސަލާމަތްވުމާއެކު އުފާފާޅުކޮށްފައެވެ. އަދި ސަލްމާންގެ ބައްޕަ ސާލިމް ޚާނާއި ޙަވާލާދީ ޓައިމްސް އޮފް އިންޑިޔާގައި ރިޕޯޓު ކޮށްފައިވަނީ ސަލްމާން ސަލާމަތްވި ޚަބަރާއެކު އެންމެން ވެސް އިންތިހާއަށް އުފާވެފައިވާ ކަމަށެވެ. ސެލެބްރޭޓް ކުރާވަރުގެ ކަމެއް ނުވާ ކަމަށާއި އެހެންނަމަވެސް، ހުރިހާ އެންމެންވެސް ހިތްހަމަޖެހި، އުފާވެފައިވާއިރު، މިވީ ދުވަސްތަކުގައި ސަލްމާނަށް ސަޕޯޓްކުރި ހުރިހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށް ސާލިމް ވަނީ ބުނެފައެވެ.

ޖޯދާޕޫރުގެ ޗީފް ޖުޑީޝަލް މެޖިސްޓްރޭޓްގެ ކޯޓުގައި ޙުކުމް އިއްވި ވަގުތު ސަލްމާންޚާންގެ އިތުރުން ޢާއިލާގެ ބައެއް މެމްބަރުން ވެސް ޙާޒިރުވެ ތިއްބެވެ. އޭނާއާ ދެކޮޅަށް އުފުލާފައިވާ ހަތަރު ދަޢުވާއެއްގެ ތެރެއިން އޭނާ ސަލާމަތްވެފައި ވަނީ ދެ ދަޢުވާއަކުންނެވެ. އަދި ތިންވަނަ ދަޢުވާއެއް ވަނީ ޝަރީޢަތުގެ ފަހުގެ މަރުޙަލާ ކަޑައްތުކުރުމުގެ މަގުމަތީގައެވެ.

ސަލްމާނާ ދެކޮޅަށް ފުރަތަމަ ދަޢުވާ އުފުލާފައިވަނީ 1998 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ދަޅުފީނި ފުއްލާގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި ވައްތަރު ކަމަށްވާ "ބްލެކް ބަކް" ގެ ފުއްލާއެއް ޝިކާރަ ކުރި ކަމުގެ ތުހުމަތުގައެވެ. އެ ޙާދިސާ ހިނގާފައިވަނީ 1999 ވަނަ އަހަރު ނެރުނު ފިލްމު "ހަމް ސާތު ސާތު ހޭ" ގެ ޝޫޓިންގއަކަށް އޭރު ސަލްމާނާއި، ތާބޫ އާއި، ސައިފް އަލީ ޚާންގެ އިތުރުން ވެސް ފިލްމުގެ ޓީމުގެ މެމްބަރުން ޖޯދާޕޫރަށް ގޮސް އުޅުނު ދަތުރެއްގައެވެ.

އަދި ދެވަނަ ފުއްލާ ޝިކާރަކުރި ކަމުގެ ތުހުމަތު ކޮށްފައިވަނީ ހަމަ އެ ދަތުރުގައި ސެޕްޓެމްބަރު މަހުގެ 28، 1998 ގައެވެ. އެ ތުހުމަތުތަކުގައި ސަލްމާން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ ހަމަ އެއަހަރުގެ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަސް ދުވަސް ފަހުން އޭނާ ކަފާލާތުގެ ދަށުން މިނިވަންވެފައިވާއިރު، ޖަންގަލިތަކުގެ ދިރުން ޙިމާޔަތްކުރާ ޤާނޫނުގެ ދަށުން 2006 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ސަލްމާންގެ މައްޗަށް ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ޙުކުމެއް އައުމުގެ އިތުރުން 25000 (ފަންސަވީސް ހާސް) ރުޕީސް އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ރާޖަސްތާނުގެ ހައި ކޯޓުން ވަނީ ޖަލު ޙުކުމް ސަސްޕެންޑުކޮށް، އެ ދަޢުވާތައް އަނބުރާ ގެންގޮސްފައެވެ. އެހެންނަމަވެސް، އަނެއްކާވެސް 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ދަޢުވާތައް ރިވައިޒްކޮށް ރާޖަސްތާނު ހައި ކޯޓުން ވަނީ ޖަންގަލިތަކުގެ ދިރުން ޙިމާޔަތްކުރާ ޤާނޫނުގެ 15/9 މާއްދާގެ ދަށުން ސަލްމާނާއި ދެކޮޅަށް ދަޢުވާ އުފުލާފައެވެ. އަދި އޭގެ އެއް އަހަރު ފަހުން 2013 ވަނަ އަހަރުގެ އޯގަސްޓް މަހު ސަލްމާނަށް އިނގިރޭސިވިލާތަށް ނުދެވޭ ގޮތަށް ވިސާ ނުދީ ހިފަހައްޓާފައިވާއިރު، ނޮވެމްބަރު މަހުގެ ތެރޭގައި އަނެއްކާ ވެސް ފިލްމެއްގެ މަންޒަރުތައް ނެގުމަށް އިނގިރޭސިވިލާތަށް ދިއުމަށް ވިސާ ލިބުނެވެ.

ދަޅުފީނި ފުއްލާގެ ވައްތަރުތަކުގެ ތެރެއިން ހަމައެކަނި އިންޑިޔާ އާއި ނޭޕާލުގައި ދިރިއުޅޭ "ބްލެކް ބަކް" ޝިކާރަ ކުރުމަށް ސަލްމާން ޚާން ހަތިޔާރު ބޭނުންކުރި ކަމަށް ވެސް ވަނީ ދަޢުވާ އުފުލާފައެވެ. އެހެންނަމަވެސް، 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރާޖަސްތާނު ހައި ކޯޓުން ވަނީ "ބްލެކް ބަކް" ޝިކާރަކޮށްފައި ވަނީ ސަލްމާންގެ އަމިއްލަ ފިސްތޯލައެއް ބޭނުންކޮށްގެން ކަމަށް ސާބިތުވާ ވަރަށް ހެކި ނެތުމުން އެ ދަޢުވާއިން އޭނާ ސަލާމަތްކޮށްފައެވެ.
މިއަދު އޮންލައިން