ސްވިޓްޒަލޭންޑްގެ ޑާވޯސްގައި އޮތް ވޯލްޑް އިކޮނޮމިކް ފޯރަމްގެ ތެރެއިން ހޮލީވުޑްގެ ތަރި ޖޯރޖް ކްލޫނީ އާއި ބޮލީވުޑްގެ މަޤްބޫލު ފިލްމު ޕްރޮޑިއުސަރު އަދި ރިއަލިޓީ ޓީވީ ތަރި ކަރަން ޖޯހަރު ބައްދަލުކޮށްފިއެވެ.
ސިޔާސީ، ވިޔާފަރި، ތަޢުލީމުގެ އިތުރުން އިޖްތިމާޢީ ތަފާތު އެކި ދާއިރާތަކުގެ ލީޑަރުން ބައްދަލުކޮށް، ބައިނަލްއަޤްވާމީ ގޮތުންނާއި އިދާރީ ގޮތުން އަދި ސިނާޢީ ގޮތުން ދުނިޔޭގެ ޙާލަތު ބަދަލުކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމް މިހަފްތާގެ ބުދަ ދުވަހު ފަށާފައިވާއިރު، މި ފޯރަމްގައި ބައިވެރިވުމަށް ހޮލީވުޑް އަދި ބޮލީވުޑްގެ ނުފޫޒު ގަދަ ފަންނާނުން ވެސް ވަނީ ގޮސްފައެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމްގައި ބައިވެރިވުމަށް ބޮލީވުޑްގެ މަޤްބޫލު ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު ގޮސްފައިވާއިރު، އެ ފޯރަމް ތެރެއިން އޭނާ އާއި ހޮލީވުޑް ތަރި އަދި އެކްޓިވިސްޓް ޖޯރޖް ކްލޫނީއާ ބައްދަލުވެ ވާހަކަދައްކާފައި ވެއެވެ. މި ދެ ފަންނާނުން އެކީގައި ނަގާފައިވާ ފޮޓޯއެއް ކަރަން ޖޯހަރު ވަނީ އޭނާގެ ޓްވިޓާ އާއި އިންސްޓަގްރާމް މެދުވެރިކޮށް ޙިއްސާކޮށްފައެވެ.
ކަރަން ޖޯހަރަކީ އަބަދުވެސް ކޮންމެ ދިމާލަކުން ވެސް ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުން އަންނަ ފަރާތަކަށް ވަނީ ވެފައެވެ. މިފަހަރުގެ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވި އެތަކެއް ފަރާތެއްގެ ތެރެއިން ކަރަން ޖޯހަރު ޖޯރޖް ކްލޫނީއާ އެކު ފޮޓޯއެއް ނެގުމުން އެއީ އޭނާގެ ވަރަށް ބޮޑު ފޭނެއްކަން ހާމަވެގެން ގޮސްފައިވާ ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ.
ޖޯރޖް ކްލޫނީއާ އެކު އަންހެނުން އާމާލް ކްލޫނީ ވެސް މިއަހަރުގެ އިކޮނޮމިކް ފޯރަމްގައި ބައިވެރި ވެއެވެ.