އެންމެ މަޤްބޫލު ޓީވީ ޑްރާމާ އެކްޓްރެސްގެ އެވޯޑު ޕްރިޔަންކާއަށް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 4މ 24ސ
އެންމެ މަޤްބޫލު ޓީވީ ޑްރާމާ އެކްޓްރެސްގެ އެވޯޑު ޕްރިޔަންކާއަށް
ޕީޕަލްސް ޗޮއިސް އެވޯޑްސްގައި ބެލުންތެރިން ހޮވާ އެންމެ މަޤްބޫލު ޓީވީ ޑްރާމާ އެކްޓްރެސްގެ އެވޯޑު ޕްރިޔަންކާ ޗޯޕްޅާއަށް ލިބިއްޖެއެވެ.

އެމެރިކަން ބްރޯޑްކާސްޓިންގ ކޮމްޕެނީން ގެނެސްދޭ ޑްރާމާ ސީރީޒް "ކުއަންޓިކޯ" ގައި ޕްރިޔަންކާ އަދާކުރާ ރޯލަށް އޭނާއަށް އެވޯޑު ލިބިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ލޮސް އެންޖެލީސްގައި އޮތް 43 ވަނަ ޕީޕަލްސް ޗޮއިސް އެވޯޑްސް ޙަފްލާގައެވެ. އެ ޑްރާމާގައި އޭނާ ކުޅެފައިވާ ސީއައިއޭ އޭޖެންޓް "އެލެކްސް ޕެރިޝް" ގެ ރޯލަށް ގިނަ ބައެއްގެ ތާޢީދު ވަނީ ލިބިގެން ގޮސްފައެވެ. ޕްރިޔަންކާ މިހާރު ކުރަމުން ގެންދަނީ މިއަހަރުގެ މޭއި މަހު ނެރުމަށް ހަމަޖެހިފައިވާ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ގެ މަސައްކަތްތަކެވެ. މެއި މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ އެކްޝަން ޑްރާމާ ޖޯންރާގެ މިފިލްމުގައި ޕްރިޔަންކާގެ އިތުރުން ޒެކް އެފްރޯން ޙަރަކާތްތެރިވާނެއެވެ.

ޕީޕަލްސް ޗޮއިސް އެވޯޑްސްއަކީ އެމެރިކާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ތަފާތު މަސައްކަތްތަކުގެ ތެރެއިން ބެލުންތެރިންގެ ވޯޓުން ހޮވާ ފަރާތްތަކަށް ތަފާތު ކެޓެގަރީތަކުން އެވޯޑު ދިނުމަށް ކޮންމެ އަހަރަކު ވެސް ބާއްވާ ޙަފްލާއެކެވެ.
މިއަހަރުގެ އެވޯޑްތަކަށް ނޮމިނޭޓްވާ ފަރާތްތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިޢުލާންކޮށްފައިވާއިރު، ބެލުންތެރިންގެ މެދުގައި އެންމެ މަޤްބޫލު ފިލްމަކަށް ހޮވިފައިވަނީ އެންޑްރޫ ސްޓޭންޓަން ޑައިރެކްޓްކޮށްފައިވާ ފިލްމު "ފައިންޑިންގް ޑޯރީ" އެވެ. 2016 ވަނަ އަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހު ރިލީޒްކުރި މިފިލްމަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށް ވީއިރު، މިފިލްމަށް ބޮކްސް އޮފީހުގައި 1.028 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ބެލުންތެރިންގެ މެދުގައި އެންމެ މަޤްބޫލު އެކްޝަން ފިލްމަކަށް ހޮވިފައިވަނީ ޓިމް މިލަރ ޑައިރެކްޓްކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި ފިލްމު "ޑެޑް ޕޫލް" އެވެ. ރަޔަން ރޭނޯލްޑްސްއާއި މޮރީނާ ބެކަރިން ލީޑް ރޯލުން ފެނިގެންދާ މިފިލްމަކީ 58 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ސުޕަރ ހީރޯ ފިލްމެކެވެ. "އެކްސް-މެން" ފިލްމު ސީރީޒްގެ އަށްވަނަ ފިލްމުގެ ގޮތުގައި މިފިލްމު ރިލީޒްކޮށްފައިވާއިރު، މިފިލްމަށް ބޮކްސް އޮފީހުގައި ވަނީ 783.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

މިއަހަރުގެ ޕީޕަލްސް ޗޮއިސް އެވޯޑްސްގައި ހޮވި ބެލުންތެރިންގެ މެދުގައި އެންމެ މަޤްބޫލު ކޮމެޑީ ފިލްމަކަށް ހޮވިފައިވަނީ ބިލް ބްލޮކް ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ބޭޑް މޮމްސް" އެވެ. ޖޯން ލޫކަސް އާއި ސްކޮޓް މޫރ ޑައިރެކްޓްކޮށްފައިވާ މިފިލްމު 20 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާއިރު، 179.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

މީގެ އިތުރުން އެންމެ މަޤްބޫލު ޑްރަމަޓިކް ފިލްމަކަށް މިދިޔަ އަހަރުގެ މޭއި މަހު ރިލީޒްކުރި ފިލްމު "މީ ބިފޯރ ޔޫ" ހޮވިފައިވާއިރު، މިއީ އެތައް ބައެއްގެ ހިތްތަކާއި ކުޅެލި ރޮމޭންޓިކް ޑްރާމާ ފިލްމެކެވެ. އެމީލިއާ ކްލާކްއާއި ސޭމް ކްލެފިންގެ އިތުރުންވެސް ގިނަ ތަރިންތަކެއް ހިމަނައިގެން ނެރެފައިވާ މިފިލްމަކީ 20 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމަކަށްވާއިރު، ފިލްމަށް ވަނީ 207.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

43 ވަނަ ޕީޕަލްސް ޗޮއިސް އެވޯޑްސް ޙަފްލާގައި 64 ކެޓެގަރީއަކުން އެވޯޑުތައް ދީފައިވާއިރު، ބެލުންތެރިންގެ މެދުގައި އެންމެ މަޤްބޫލު އެކްޓަރަކަށް ރަޔަން ރޭނޯލްޑްސް ހޮވުނުއިރު، އެންމެ މަޤްބޫލު އެކްޓްރެސްއަކަށް ހޮވުނީ ޖެނިފާރ ލޯރެންސްއެވެ.

މިފަހަރުގެ އެވޯޑު ޙަފްލާގައި ބެލުންތެރި ހޮވި އެންމެ މަޤްބޫލު އައިކަން އަކަށް ހޮވިފައިވަނީ މަޤްބޫލު ފިލްމީ ތަރި ޖޯނީ ޑެޕްއެވެ.

ބެލުންތެރިންގެ މެދުގައި އެންމެ މަޤްބޫލު ޓީވީ ސީރީޒްތަކާއި ޝޯވތަކުގެ އިތުރުން ރިއަލިޓީ ޓީވީ ތަރިންވެސް ހޮވި މި އެވޯޑް ޙަފްލާގައި ބެލުންތެރިންގެ މެދުގައި އެންމެ މަޤްބޫލު ސޯޝަލް މީޑިއާ ސެލެބްރިޓީއަކަށް ހޮވުނީ ބްރިޓްނީ ސްޕެއަރސްއެވެ. އަދި އެންމެ މަޤްބޫލު ސޯޝަލް މީޑިއާ ސްޓާރަކަށް ކެމެރަން ޑަލަސް ހޮވުނުއިރު، ޔޫޓިއުބްގައި އެންމެ މަޤްބޫލު ތަރިއަކަށް ހޮވިފައިވަނީ ލިލީ ސިންގްއެވެ.

މީގެއިތުރުންވެސް ތަފާތު އެތަކެއް ކެޓެގަރީތަކަކުން އެވޯޑުތައް ދީފައިވާ ޕީޕަލްސް ޗޮއިސް އެވޯޑްސްގައި އެންމެ ގިނަ އެވޯޑުތަކަށް ނޮމިނޭޓްވެފައިވަނީ ހަތް ނޮމިނޭޝަނާއެކު ކެވިން ފީޖް ޕްރޮޑިއުސްކޮށް މިދިޔަ އަހަރުގެ އޭޕްރިލް މަހު ނެރުނު ސުޕަހީރޯ ފިލްމު "ކެޕްޓަން އެމެރިކާ: ސިވިލް ވާރ" އެވެ. ދެން އެންމެ ގިނަ އެވޯޑުތަކަށް ވާދަކޮށްފައިވަނީ ފަސް ކެޓެގަރީއަކުން ނޮމިނޭޓްވީ ޓީވީ ސީރީޒެއް ކަމަށްވާ "ގްރޭއިސް އެނަޓޮމީ" އެވެ. މީގެއިތުރުން މަޤްބޫލު ކޮމީޑިއަން ކެވިން ހާރޓް ވެސް ވަނީ ފަސް ކެޓެގަރީއަކުން ނޮމިނޭޓްވެ، އެއް އެވޯޑު ޙާޞިލްކޮށްފައެވެ.

ޕީޕަލްސް ޗޮއިސް އެވޯޑްސް އަކީ ބެލުންތެރިންގެ މެދުގައި ނަގާ ވޯޓުތަކުން ތަފާތު ކެޓެގަރީތަކުން އެންމެ ގިނަ ވޯޓު ލިބޭ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.
މިއަދު އޮންލައިން