ގެމްބިއާގެ ރައީސް މަގާމުގެ ދައުރުގެ މުއްދަތު ހަމަވުމުންވެސް އޮފީސް ދޫކުރައްވާ ވަޑައިނުގަތުމުން މަގާމު ދޫކޮށްލުމަށް ސެނެގޯލްއިން ކަނޑައެޅި ސުންގަޑި ހަމަވަމުންދާއިރުވެސް މަގާމު ދޫކޮށްލުމަށް ދެކޮޅު ހައްދަވަމުން އެބަ ގެންދަވައެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވި އަޑެމާ ބެރޯ ހުވާ ކުރެއްވުން ބުރާސްފަތި ދުވަހަށް ހަމަޖެހިފައިވާއިރު ހުޅަނގު އެފްރިކާގެ އަސްކަރީ ފައުޖުތަކުން ތިބީ އެގައުމަށް ވަނުމަށް ތައްޔާރަށެވެ.
މައުރިޓޭނިއާގެ ރައީސް މުހައްމަދު އޫލްދް އަބްދުލް އަޒީޒް ވަނީ ސެނެގާލްގެ ރައީސް މެކީ ސަލް އާ ބައްދަލުކުރެއްވުމަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން އެންމެ ފަހު މިނެޓްވެސް ޔަހްޔާ ޖަމޭ އާ ބައްދަލުކުރައްވާފައެވެ.
ޖަމޭގެ މަގާމުގެ ދައުރު މެންދަމު ބާރަ ޖެހިއިރު ހަމަވިއިރު ސެނެގާލްގެ ފައުޖުތައް ތބީ ގެމްބިއާގެ ސަރަހައްދީ ރޮނގުގެ ކައިރީ ތައްޔާރީ ހާލަތުގައެވެ.
އަސްކަރީ ބާރު ބޭނުންކުރާނެ ކަމުގެ ބިރު ކުރިމަތި ކުރުވުމުގައި ނައިޖީރިއާ އާއި އެ ސަރަހައްދުގެ އެހެން ގައުމުތަކުން ތާއީދުކުރެއެވެ.
ގެމްބިއާ އަސްކަރިއްޔާގެ ވެރިޔާ އުސްމާން ބަދްޖީ އޭއެފްޕީގައި ވިދާޅުވީ އެގައުމުގެ ފައުޖުތަކުން ސެނެގާލްގެ ފައުޖުތަކާ ހަނގުރާމަ ނުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމުގައި އަސްކަރިއްޔާ ބައިވެރިކުރުވަން ބޭނުން ނުވާ ކަމަށާއި އެކަމަކީ ސިޔާސީ ޚިޔާލު ތަފާތުވުމެއްކަމަށެވެ.
"މޮޔަ ހަނގުރާމައެއްގަ އަހަރެންގެ ލޯބިވާ ސިފައިން ބައިވެރިކުރުވާކަށް ނޫޅެން.އަހަރެންގެ މީހުންދެކެ އަހަރެން ލޯބިވޭ"
ގެމްބިއާގައި 1994 ގައި ގެމްބިއާއަށް ގެނެވުނު ބަޣާވާތަށްފަހު އެގައުމުގައި މިހާތަނަށް ވެރިކަން ކުރައްވަމުން ގެންދަވަނީ ޖަމޭއެވެ.
ބުދަ ދުވަހަކީ ޖަމޭގެ ވެރިކަމުގެ ފަހު ދުވަސް ނަމަވެސް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުންވަނީ އިތުރު ތިން މަސްދުވަހު މަގާމުގައި ހުންނެވޭނެ ކަމަށް ނިންމަވާފައެވެ.
ބުރާސްފަތި ދުވަހު ގެމްބިއާގެ ފަސްގަނޑުގައި މަގާމުގެ ހުވާ ކުރެއްވުމަށް ތައްޔާރުވެ ވަޑައިގެން ހުންނެވި ބެރޯ ހުންނެވީ އަވަށްޓެރި ސެނެގާލްގައެވެ.