ޗައިނާގެ އިގްތިސާދު 2016 ވަނަ އަހަރު ކުރިއަރާފައިވަނީ 6.7 އިންސައްތަ ކަމަށް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ އޭގެ ކުރީ އަހަރު 6.9 އިންސައްތައިގައި އިގްތިސާދީ ކުރިއެރުން ހުރިއިރު މިއީ ވޭތުވެދިއަ ފަންސަވީސްވަރަކަށް އަހަރުގެ ތެރޭ އިގްތިސާދީ ދުވެލި އެންމެ ބޮޑަށް ދަށަށްދިއަފަހަރެވެ.
ދުނިޔޭގެ އިގްތިސާދުގެ ހިންގުވައިދޭ މައި ގައުމަކީ ޗައިނާ ކަމަށްވާއިރު އެ ގައުމުގެ އިގްތިސާދު ކުރިއަރާ މިންވަރު ދަށްވުމަކި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިންވެސްޓްކުރާ ފަރާތްތަކުގެ މައިގަނޑު ކަންބޮޑުވުމެވެ.
ބެއިޖިންއާއެކު ނެރެފައިވާ ހިސާބުގައި އިގްތިސާދު 6.5 އިންސައްތައާ 7 އެއް އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކުރިއަރާނެ ކަމަށް ލަފަ ކޮށްފައިވާއިރު އޮބްޒާވަރުން ބުނާ ގޮތުގައި ޗައިނާގެ އިގްތިސާދީ ކުރިއެރުން މިއަށްވުރެ ދަށްވާނެއެވެ.
ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިމްޕޯޓާ ކަމަށްވާއިރު އެގައުމުގެ އިގްތިސާދީ ހާލަތު މިގޮތަށް ހުރުމަކީ ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އަސަރު ކުރާނެކަމެކެވެ.
ތެލާއި އެހެނިހެން މުދާ ގަތުމުގައި އެ ގައުމުން މުހިއްމު ދައުރެއް އަދާކުރެއެވެ.