އިޒްރޭލުން ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިޒްރޭލުން އަޅަމުން ގެންދާ ގެތައް އެޅުމާއި އިތުރު ގެތައް އެޅުން ހުއްޓުވައިދިނުމަށް ފަލަސްޠީނުން ދުނިޔެއަށް ގޮވާލައިފިއެވެ.
އިޒްރޭލުން އިއްޔެ ވަނީ އިތުރު 2500 ގެ ފަލަސްޠީނުގެ ބިމުގައި އަޅަން ނިންމައި އެކަން ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައެވެ. މިއީ އިޒްރޭލުން އެ ސަރަހައްދުގައި އަޅަން ނިންމާފައިވާ 12،000 ގޭގެ ތެރެއިން ބައެއްކަން ނުވަތަ ނޫންކަން އިޒްރޭލުން ހާމަކޮށްފައެއް ނުވެއެވެ.
ފަލަސްޠީނު ސަރުކާރުގެ ފަރާތުން ޝުއައިބް އަރްކަތް ވިދާޅުވީ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުން ގެންދިއުމަކީ މުޅި އިންސާނިއްޔަތާއި ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ ބޮޑު ޖަރީއެއް ކަމަށެވެ. އެހެންކަމުން އެކަން ހުއްޓުވުމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ ބައިނަލްއަޤްވާމީ މުޖުތަމައުއަށް ކަމަށެވެ.
ނަތަޔާންހޫގެ ތަރުޖަމާނު ބުނީ ފަލަސްޠީނުގެ ބިންތަކުގައި ގެދޮރު އެޅުން ނުހުއްޓުވޭނެ ކަމަށާއި އެކަން ހުއްޓުވޭނެ އެއްވެސް ބައަކު ނުތިބޭނެ ކަމަށެވެ.
މިފަހަރު އަޅަން ފާސްކުރި 2500 ގެ އަޅާނީ ވެސްޓްބޭންކުގެ ސަރަހައްދުގައި ކަމަށް ވެސް އިޒްރޭލުން ބުނެއެވެ.