ސްރީލަންކާގެ ގިނަ އަދަދެއްގެ އަންހެން ދަރިވަރުން "ބަރަހަނާ" މަޅީގައި ޖެހިފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ދިރާސާ ރިޕޯޓުގައި ބުނެފައިވަނީ މީގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން މި "ރެކެޓުގެ" މަޅީގައި ޖެހެނީ އެކުދިންގެ ލޯބިވެރިންނަށް ފޮނުވާ ފޮޓޯތަކުން ކަމަށެވެ. ވަކި ހިސާބަކުން ލޯބިވެރިން އެކުދިން ބްލެކްމޭލްކޮށް އިތުރު ކުދިންގެ ފޮޓޯތައް ވެސް ހޯދަނީ ކަމަށެވެ.
ބައެއް ހާލަތްތަކުގައި އިތުރުކުދިންގެ ބަރަހަނާ ފޮޓޯ ނުފޮނުވައިފިނަމަ އެކުއްޖެއްގެ ފޮޓޯތައް ބޭޒާރުކުރާނެ ކަމަށް ބުނެގެންވެސް ފޮޓޯތައް ވަނީ ހޯދައިފައެވެ. އަދި މިގޮތްގޮތުން ހޯދާ ފޮޓޯތައް ފަހުން ބަރަހަނާ ސައިޓުތަކުގައި ހާމަކުރާކަންވެސް ދިރާސާ އިން ވަނީ އެނގިފައެވެ.
މިގޮތަށް ހޯދާ ފޮޓޯތައް ބޮޑު އަގުގައި ވިއްކައިގެން ފައިސާ ހޯދާކަންވެސް ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.
މިއީ ސްރީލަންކާގައި މިކަންކަން އޮތް ހާލަތުކަމަށްވާއިރު ރާއްޖޭގައިވެސް މިފަދަ އަމަލުތައް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ދަރިން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. ފުލުހުން މިހާރު ވެސް ވަނީ މިފަދަ މައްސަލަތައް ބަލައިފައެވެ.
ފުލުހުން އިލްތިމާސްކޮށްފައިވަނީ މިފަދަ އެއްވެސް އަމަލެއް ނުހިންގުމަށާއި ބްލެކްމޭލް ކުރެވޭ ވަރުގެ އަމަލުތައް ނުކުރުމަށެވެ. އަދި ބްލެކްމޭލް ކުރެވޭ ވަރުގެ އަމަލެއް އޮޅުމަކުން ނަމަވެސް ކުރެވިއްޖެނަމަ ބްލެކްމޭލްވެ އިތުރަށް ފޮޓޯ ދިނުމުގެ ބަދަލުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށެވެ.