އިސްލާމީ ބައެއް ގައުމުތަކުގެ މުސްލިމުންނަށް އެމެރިކާއަށް އެތެރެ ނުވެވޭ ގޮތަށް ނިންމި ނިންމުމުގެ ނަތީޖާ ފެންނަމުން ދަނީ އުންމީދު ކުރެއްވި ގޮތަށް ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެއެވެ.
އިސްލާމީ ހަތްގައުމަކުން މުސްލިމުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމުގެ އަމުރުގައި ރައީސް ޑޮނާލްޑް ޓްރަމްޕް ސޮއި ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އެކަމާ ބެހޭގޮތުން މީޑިގައި ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ "އެކަމުގެ ނަތީޖާ ފެންނަމުންދަނީ އުންމީދު ކުރި ގޮތަށް، އެއަރޕޯޓުތަކަށް ބަލާލިއަސް އެކަންފެންނާނެ، ހުރިހާ ދިމާއަކަށް ބަލާލިއަސް އެކަން ފެންނާނެ" ކަމަށެވެ.
އެމެރިކާ އަށް އެތެރެވުން މަނާ ކޮށްފައިވާ ގައުމުތަކުން މުސްލިމުން އެގައުމަށް އެތެރެވުމުގައި ކުރިއަށް އޮތްތަނުގައި ހަރުކަށި އުސޫލު ގެންގުޅުއްވާނެ ކަމަށާއި އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ބައްލަވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެކަމަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން އެމެރިކާއިން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.