ވެލާ، ކަނހަބު ހިފުމާއި އޭގެ ބިސްނެގުން މަނާކުރިފަހުން ބައެއް ސަރަހައްދު ތަކުގައި ކޮންމެވެސް ވަރަކަށް ކުދިވެލާ ގިނަވަމުންދާ ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ވެލާ، ކަހަނބުގެ އާބާދީ މުޅިރާއްޖޭގައި އެކަށީގެންވާ ވަރަށް އާލާނުވިޔަސް ބައެއް ސަރަހައްތުތަކުގައި ކުދިވެލާ އިތުރުވަމުންދާ ކަމަށެވެ. އެހެންނަމަވެސް އެއީ އެންމެ ހިތްހަމަޖެހޭ ވަރެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ބައެއް ރަށްރަށުގެ މީހުން ބުނެފައިވަނީ މީގެ ކުރިން އެރަށްރަށުގެ ފަޅުން ނުފެންނަހާ ގިނައިން ވެލާކަހަނބު މިހާރު ފެންނަމުންދާ ކަމަށެވެ. ވެލާ، ކަހަނބަކީ ހިފުން މަނާ އެއްޗަކަށްވިޔަސް ބައެއް ރަށްރަށުގައި މިހާރުވެސް އެ ހިފައިގެން ކައި ހަދައެވެ.