ހުކުރުން ދުވަހުން ފެށިގެން ރާއްޖޭގައި ކުޅުނު ބައިނަލްއަޤްވާމީ އަންހެނުންގެ ވޮލީ މުބާރާތުން 1 ވަނަ އިރާނުގެ ޓީމު ހޯދައި މިއަހަރުގެ ފަހުކޮޅު ބާއްވާ ބައިނަލްއަޤްވާމީ އަންހެނުންގެ މުބަރާތަށް ކޮލިފައި ވެއްޖެއެވެ.
އީރާނަށް 1 ވަނަ ލިބުނީ ނޭޕާލްގެ ޓީމާއި ރާއްޖޭގެ ޓީމުވެސް ބަލިކޮށް އެންމެ ގިނަ ޕޮއިންޓް ހޯދުމުންނެވެ. އަދި ދެ މެޗްވެސް އީރާނުން ކާނމިޔާބުކުރީ ވަރަށް ތަފާތު ބޮޑުކޮށެވެ.
މުބާރާތަށްފަހު އީރާނުގެ ޓީމުން ބުނީ މުބާރާތަށްޓަކައި ދިވެހިރާއްޖޭގެ ވޮލީ ބޯލް އެސޯސިއޭޝަނުން ހަމަޖައްސާފައިވާ އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށެވެ. އަދި ރާއްޖޭގެ އަންހެނުންގެ ވޮލީ ކުރިއެރުވުމަށްޓަކައި އެހީވެދޭން އީރާނު އޮތީ ތައްޔާރަށް ކަމަށެވެ.
މިއަދު ކުޅުނު 3 ސެޓުގެ ތެރެއިން އެންމެ ފަހު ސެޓުގައި ދިވެހި ޓީމުން ރަނގަޅު ކުޅުމެއް ދައްކަން މަސައްކަތް ކުރިކަން ފާހަގަކުރެވުނެވެ.
މުބާރާތުގެ 3 މެޗް ކުޅުނުއިރުވެސް ކުޅިވަރުގެ ރޫޙާއި ޚިލާފަށް އެއްވެސް ކަމެއް މެދުވެރިވެފައިނެތްކަން ފާހަގަކުރަންޖެހެއެވެ.
ވޮލީ ބޯލް އެސޯސިއެޝަނުން ބުނީ މިއަހަރުގެ މާރިޗް މަސްތެރޭ މިފަދަ ބައިނަލްއަޤްވާމީ އިތުރު މުބާރާތެއް ރާއްޖޭގައި ބާއްވާނެ ކަމަށެވެ. އަދި އެއީ 9 ޤައުމަކުން ބައިވެރިވާ ފިރިހެނުންގެ މުބާރާތެއް ކަމަށެވެ.