އެމެރިކާގެ ރައީސް ޓްރަމްޕުގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދިއުމުން އޭނާގެ އަނިޔާވެރިކަމާއި ދެކޮޅަށް ދުނިޔޭގެ މަޝްހޫރު ސްޓާރބަކްސް ގްރޫޕުން، 10،000 ރިފުޖީންނަށް ވަޒީފާ ދިނުމަށް ނިންމައިފިއެވެ.
ސްޓާރބަކްސް ގްރޫޕުގެ ޗެއަރމަން އަދި ސީއީއޯ ޝުލްޒް ދުނިޔޭގެ ކަންކޮޅުތަކުގައި ހުރި ސްޓާރބަކްސްގެ ރެސްޓޯރަންޓްތައް ހިންގަން ހަވާލުވެ ތިބި މީހުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިތިބި 10،000 ރިފިޔުޖީންނަށް ސްޓާރބަކްސްގެ ރެސްޓޯރަންތްތަކުން ވަޒީފާ ދިނުމަށް ނިންމި ކަމަށާއި އެކަން 6 އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކުރެވެންޖެހޭނެ ކަމަށެވެ.
ޝުލްޒް ބުނީ މިހާރު ދިރިއުޅެންޖެހިފައި މިވަނީ ހީވެސް ނުކުރެވޭފަދަ ކަންކަމުގެތެރޭގައި ކަމަށާއި އެމެރިކާގެ ރައްޔިތުންގެ ވިންދާއި ދެކޮޅަށް ކަމަށެވެ. އެހެންކަމުން ގިނަ ކަންތައްތަކެއް ވަނީ ސުވާލުތަކެއްގެ ތެރޭގައި ކަމަށެވެ.
ޝުލްޒް ބުނީ މިވަގުތުވެސް ގޮތެއް ނެތިފައިތިބި 65،000 ރިފިޔުޖީން އެބަތިބިކަމަށް އދ އިން ބުނެފައިވާ ކަމަށާއި އެއިގެ ތެރެއިން 10،000 މީހުންނަށް ސްޓާރބަކްސްގެ ރެސްޓޯރަންޓްތަކުން ވަޒީފާ ހަމަޖައްސައިދިނުމަކީ އެކުންފުނީގެ ޚިދުމަތެއް ކަމަށެވެ.
ސްޓާރބަކްސްގެ 600 ރެސްޓޯރަންޓް 12 ޤައުމެއްގައި ހުރެއެވެ.