ވައްކަންކުރަން ބޭނުން ނޫންކަމަށް ބުނެ އިސްތިއުފާދިން އަންހެނަކު 10 މިލިއަން ދިރުހަމާއެކު އިސްއެކައުންޓެންޓަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ވައްކަންކުރަން ބޭނުން ނޫންކަމަށް ބުނެ އިސްތިއުފާދިން އަންހެނަކު 10 މިލިއަން ދިރުހަމާއެކު އިސްއެކައުންޓެންޓަކަށް!
ވައްކަންކޮށްގެން އެއްވެސް ފައިސާއެއް ބޭނުން ނޫން ކަމަށާއި އެއްވެސް ބާވަތެއްގެ ވައްކަމެއްގައި ބައިވެރިވާން ބޭނުން ނޫންކަމަށް ބުނެ ޗިފް އެކައުންޓެންޓް ކަމުން އިސްތިއުފާދިން އަންހެނަކު 10 މިލިއަން ދިރުހަމާއިއެކު ޤައުމުގެ އެންމެ އިސް އެކައުންޓެންޓަކަށް ވެއްޖެއެވެ.

ރީބާ އަކީ ޗާރޓަރޑް އެކައުންޓެޓެކެވެ. ޔޫއޭއީގެ ސަރުކާރާއިއެކު ގިނަ މުޢާމަލާތްތަކެއް ކުރާ ބޮޑު ކުންފުންޏެއްގެ ޗީފް އެކައުނޓެންޓުގެ މަޤާމަށް ބަދަލުވި ހިސާބުން ރީބާއަށް ކުރިމަތިވީ ވަރަށް ބޮޑު މައްސަލައެކެވެ. އިންވޮއިސްތައް ބަދަލުކޮށް އިތުރަށް ފައިސާ ނަގަމުންދާ މައްސަލައެވެ. ސަރުކާރަށް ބިލްކުރަންނުޖެހޭ އަދަދުތަކަށް ބިލްކޮށް ފައިސާ ނަގަމުން ގެންދާ މައްސަލައެވެ.

މިމައްސަލަ ޑިރެކްޓަރުންގެ ބޯޑުގެ ސަމާލުކަމަށް ގެނައުމުން ބުނީ އެކަމާއިމެދު އަޅައި ނުލުމަށެވެ. އިންވޮއިސްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށާއި ކުންފުނިން އެދޭ ގޮތަށް ކަންކަން ކުރާނަމަ އިތުރު އިނާޔަތްތައް ދޭނެ ކަމަށެވެ.

ހަމަ އެ ބައްދަލުވުމުގައި ރީބާ ދިއްކޮށްލީ ލިޔުމެކެވެ. ޗެއަރމަންގެ އަތަށެވެ. އެލިޔުމުގައި ވަނީ ވައްކަން ކުރަން އެހީތެރިވުމާއި ވައްކަން ކުރުމާ ދެކޮޅަށް ފިޔަވަޅު ނުއަޅާނަމަ އެކުރެވެނީ ވައްކަން ކަމަށެވެ. އެ ވައްކަމުގައި ބައިވެރިވެވެނީ ކަމަށެވެ.

"ރިޒްޤް ދެއްވަނީ މާތްﷲ! އަހަރެން ބޭނުމީ ހަލާލު ގޮތުގައި މަސައްކަތްކޮށް ހަލާލް މުސާރަ. އަހަރެންނަށް ކިޔަވައިދެމުން މަންމަ އާއި ބައްޕަ ވަނީ އެކަމަށް ވަރަށް ބޮޑަށް ބާރުއަޅައިފަ. އަހަރެން މިހިރީ ކައުބަތުﷲ ގެފުޅު ކުރިމަތީގައި ހުރެގެން ތެދުވެރިވުމަށް ހުވާކޮށްގެން. އެއިގެ ކުރިންވެސް ހުރީ އަމިއްލަ ނަފްސަށް ހަމަ އެހުވާކޮށްގެން. އެހެންވީމާ މިކުންފުނީގައި މަސައްކަތް ކުރަން އުޒުރުވެރިވަން. އަހަރެންގެ އިސްތއިުފާ ޤަބޫލުކުރާނެ ކަމަށް ހީކުރަން."

ރީބާ މަޤާމުން އިސްތިއުފާ ދީފައި ނުކުމެގެން ދިއައީ މަހަކު ލިބެމުން އައި ބޮޑު މުސާރަ ދޫކޮށްލާފައެވެ. އޭނާގެ ހަޔާތް މާތްﷲ އާއި ވަކީލުކޮށްގެންނެވެ.

އެއިގެ މަހެއްހައި ދުވަސް ފަހެވެ. ދުބާއީގައި ބޭއްވި ޗާރޓަރޑް އެކައުންޓެންޓުންގެ ބައްދަލުވުމެކެވެ. ބޮޑެތި ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވި ބައްދަލުވުމެކެވެ. ސަރުކާރުގެ ގުޅުންހުރި ދާއިރާތަކުގެ އިސްވެރިންވެސް ބައްދަލުވުމުގައި ބައިވެރިވިއެވެ.

އަހަރީ މަޖާކުރުމުގެ ބައްދަލުވުމުގައި އެއްކަމަކަށް އޮތީ ކޮންމެ އެކައުންޓެންޓަކުވެސް އެމީހަކަށް ކުރިމަތިވި ކޮންމެވެސް މުހިންމު ތަޖުރިބާއެއް ހާމަކުރުމެވެ. ކުރިމަތިވި ގޮންޖެހުމެއް ހިއްޞާ ކުރުމެވެ. އެންމެންގެ ކުރިމަތީގައި ޕޯޑިއަމް ކައިރީގައިހުރެއެވެ.

ރީބާއަށް ލިބުނު ފުރުޞަތުގައި އޭނާއަށް ކުރިމަތިވި މައްސަލަ ކިޔައިދިނެވެ. އަދި އޭނާއަކީ މިއަދު ވަޒީފާއެއް ނެތް މީހެއް ކަމަށާއި އާމްދަނީ ހޯދަނީ ކޮންޓްރެކްޓަށް މަސައްކަތްކޮށްގެން ކަމަށްވެސް ބުންޏެވެ. "ލިބޭ އާމްދަނީ މަދު. ރަނގަޅު މަޤާމެއްވެސް ނެތް. ނަމަވެސް އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިގެން. އަހަރެން މިހޯދާ ފައިސާއަކީ ސައްތައިން ސައްތަ ހަލާލް އާމްދަނީއަކަށްވާތީ."

ރީބާ ބުނީ އޭނާ މިވާހަކަތައް ހާމަކުރެވެނީ މިކުރެވެނީ ކިހައިވަރެއްގެކަމެއްކަން އެނގިހުރެ ކަމަށެވެ. އަދި ނަފުސަށް ކުރިމަތިވެދާނެ ގެއްލުންތައްވެސް އެނގިހުރެ ކަމަށެވެ. "ތެދުވެރިވުމަކީ ހަމައެކަނި ފަނޑިޔާރުން ކުރަންޖެހޭ ކަމެއް ނޫން. ސަރުކާރަށާއި ރައްޔިތުންނަށް އަދި އަމިއްލަ ކުންފުނިތަކަށް ލިބޭ ގެއްލުންތައް ހުއްޓުވޭނީ އެކައުންޓެންޓުން ތެދިވެރިވެގެން. އެކައުންޓެންޓުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން."

އެ ބައްދަލުވުމުގައި ބައިވެރިވި 5 ކުންފުންޏެއްގެ ވެރިން ވަނީ ކޮންމެ ކުންފުންޏަކުން ރީބާއަށް 1 މިލިއަން ދިރުހަމްގެ އިނާމެއް ދީފައެވެ. އަދި ވަޒީފާވެސް ހުށަހަޅައިފައެވެ. އެއިގެ 3 ދުވަސްފަހުން ސަރުކާރުން ވަނީ އަމީރުގެ ޚާއްޞަ ހަދިޔާއެއްގެ ގޮތުން 5 މިލިއަން ދިރުހަމް ދީފައެވެ. އަދި ސަރުކާރުގެ އިސްއެކައުންޓެންޓުންގެ ތެރޭގައި ރީބާ ހިމަނައި އިސް އެކައުންޓެންޓެއްގެ ވަޒީފާ ވެސް ދީފައެވެ.

ސަރުކާރުން ގެންދަނީ ރީބާ މަސައްކަތްކުރި ކުންފުނީގެ ހިސާބުތައް އޮޑިޓްކުރަމުންނެވެ. ކޮށްފައިވާ ވައްކަންތައް އެތައް ބިލިއަނަކަށް އަރާނެ ކަމަށް މިހާރުވެސް ވަނީ ބެލެވިފައެވެ.

މިއީ މިދިއަ ނޮވެމްބަރު ހިނގާފައިވާ ކަމެކެވެ. މާތްﷲގެ މަގުގައި ސާބިތުވެ ހުންނަން ބޭނުން ކޮންމެ މީހަކަށް އިއްޔެވެސް މިއަދުވެސް މާތްﷲގެ ހެޔޮ ރަޙްމަތްފުޅު އޮއްސަވަމުން ގެންދަވަނީ ވަކި މިންވަރެއް ނެތިއެވެ. އަދި ހަމަ މާދަންވެސް މިކަން އޮންނާނީ ހަމަމިގޮތަށެވެ.
މިއަދު އޮންލައިން